ފްރާންސްގެ ފުޓްބޯލް މަޖައްލާއިން ހޮވާ ބެލޮންޑިއޯ އެވޯޑް، ސްޕޭންގެ ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ކަރީމް ބެންޒެމާ ހޯދައިފިއެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ބެންޒެމާއަށް ހަވާލުކޮށްދިނީ ފްރާންސް އަދި ރެއާލްމެޑްރިޑްގެ ލެޖެންޑް ޒައިނުއްދީން ޒިދާނެވެ.

މިއީ 1998 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ޒިދާން ހޯދިފަހުން ފްރާންސްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. ޒިދާންގެ އަތުން މި އެވޯޑް ބެންޒެމާއަށް ލިބުނުއިރު، މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ލިބުނު އެންމެ ހައްގުކަންބޮޑު ކުޅުންތެރިޔާއަކީ ބެންޒެމާކަމަށް ޒިދާންވެސް އައީ ބުނަމުންނެވެ.

ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 44 ގޯލު ކާމިޔާކޮށް، ޗެމްޕިއަންސްލީގާއި ލަލީގާ ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އުމުރުން 34 ގެ ބެންޒެމާގެ ފުޓްބޯޅަ ކެރިއަރުގައި މިދިޔަ ދެ އަހަރަކީ އެންމެ ރަނގަޅު ފޯމެއްގައި ހުރެގެން ކުޅުނު ދެ އަހަރެވެ.

ބެންޒެމާގެ އިތުރުން ބެލޮންޑިއޯއަށް ވާދަކުރި އަނެއް ނުވަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:

  • ސަދިއޯ މާނޭ

  • ކެވިން ޑެ ބްރޭނާ
  • އާލިން ހާލާންޑް
  • ލެވަނޑޮސްކީ
  • މުހައްމަދު ސަލާހް
  • ކިލިއަން އެމްބަޕޭ
  • ތީބޯ ކޯޓުއާ
  • ވިނީޝިއަސް ޖޫނިއާ
  • ލޫކާ މޮޑްރިޗް

މިދިޔަ ސީޒަނުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދައިގެން ބެލޮންޑިއޯ ހާސިލްކުރީ ސްޕެއިނުގެ އެލީޒިއާ ޕުޓޭޔާސްއެވެ.