ހއ ދިއްދޫ ފަޅު ހިއްކައިގެން އެރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ދައުރު ނިމޭނީ ދިއްދޫގައި އެއާޕޯޓެއް އެޅުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ކަޅުފޮއި މޫސުން ނިންމުމުގެ އުފާވެރިކަން އަޅުގަނޑުމެނަށް މިންވަރުކުރަށްވައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަގައިމުވެސް ދިއްދޫ ފަޅު ހިއްކާފަ އެއާޕޯޓެއް އަޅައިދީފަ،" ރައީސް ޔާމީނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވަނީ އައިލެންޑް އޭވިއޭޝަން ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާން ވިދާޅުވީ، 2018 ވަނަ އަހަރު ނިމިގެންދިޔައިރު ވެސް އައިލެންޑް އޭވިއޭޝަނަކީ ސަރުކާރަށް ފައިދާ ދައްކަމުން ދިޔަ ކުންފުންޏެއް ކަމަށާއި ނަމަވެސް މި ސަރުކާރު އައިފަހުން އެކަން ވެސް ބަދަލުވެފައިވާ ކަމަށެވެ.

ކުރިން ފައިދާ ނެރެމުންދިޔަ ކުންފުނި މިހާރު ހިންގަން ޖެހެނީ ގެއްލުމުގައިކަމަށާއި، ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ބޯޓު ފަހަރުގެ އަދަދު ވެސް މިހާރު މަދުވެއްޖެ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން މިހާރު އެތެރޭގެ އުދުހުންތަކުގައި ނަގާކިޔަނީ އަމިއްލަ އެއާލައިންތައް ކަމަށާއި، ކުރިން އައިލެންޑް އޭވިއޭޝަނަކީ މި ސަރަހައްދުގައި ވެސް އޮތް އެތެރޭގެ ދަތުރުފަތުރުގެ އެއް ވަނަ އެއާލައިންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

"2018 ނިމިގެން ދިޔައިރު އައިލެންދް އޭވިއޭޝަނުން ލިބޭ ފައިދާއަކުން ދަރުކާރަށް ފައިދާ ދޭ ކުންފުންޏެއް އެއީ. އައިލެންޑްގެ ނެޓް ފައިސާގެ ގޮތުގައި 1.5 މިލިއަން ހުރިކަމަށް ވަނީ. މިއަދުގެ ހާލަތަކީ ކޮބައިތޯ 600 މިލިއަން ކަންނޭގެ ދަރަނި," އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްދޫގައި އެއާޕޯޓެއް އަޅައި ދެއްވާނެކަމަށް ރައީސް ޔާމީން ވައުދުވިއިރު އެރަށު މީހުން މިހާރު ގިނައިން ބޭނުން ކުރަމުން އަންނަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ދިއްދޫއިން އެ ރަށަށް ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ.

ހއ. އަތޮޅަށް ބަލާއިރު މި ސަރުކާރުން ވަނީ ހޯރަފުށީގައި ވެސް އެއާޕޯޓެއް ތަރައްގީ ކޮށްފައެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ދާދި ފަހުން ވަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފައެވެ.