ޔޫކްރޭނުގެ ވެރިރަށް ކިއެވްއަށް ރަޝިއާއިން ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުގެ ހަތަރު މީހުން މަރުވެއްޖެއެވެ.

ހެނދުނުގެ ވަގުތެއްގައި ކިއެވްއަށް "ކަމިކާޒޭ" ޑްރޯންއިން ދިން މި ހަމަލާތަކުގެ ސަބަބުން މާބަނޑު އަންހެނަކާއި އޭނާގެ ބައިވެރިޔާވެސް ވަނީ މަރުވެފައެވެ.

ކިއެވްގެ ސަލާމަތީ ބާރުތަކުން ވަނީ ޑްރޯންތަކަށް ހަމަލާދީ ވައްޓައިލުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ކިއެވްގެ އާންމުން ދިރިއުޅޭ ގިނަ އިމާރާތްތަކަަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ރަޝިއާއިން ހަމަލާދިން ކިއެވްގެ ސަރަހައްދަކީ ގިނަ ޔުނިވާސިޓީތަކާއި، ރެސްޓޯރެންޓުތައް ތިބޭ ސަރަހައްދެކެވެ.

ޔޫކްރޭނުން ރިޕޯޓްކުރާ ގޮތުގައި ރަޝިއާއިން ބޭނުންކުރާ ހަތިޔާރުތަކަކީ އީރާނުން އުފައްދާފައި ހަތިޔާރުތަކެކެވެ. ނަމަވެސް އީރާނުން ވަނީ މިކަން ދޮގުކޮށްފައެވެ. ރަޝިއާއިން މިކަމާގުޅިގެން ބަހެއް ބުނެފައިނުވާއިރު، އާންމުންނަށް އަމާޒުކޮށްގެން ހަމަލާނުދޭ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރޭނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރަޝިއާ-ކްރައިމިއާ ބްރިޖަށް ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާދިނީ ޔޫކްރޭނުންކަމެއް އެނގެން ނެތް ނަމަވެސް ރަޝިއާއިން ވަނީ ޔޫކްރޭނު އެ ހަމަލާއަށް ޒިންމާވާންޖެހޭނެ ކަމަށް ބުނެފައެވެ. އަދި ޔޫކްރޭނަކީ ޓެރަރިސްޓު ސްޓޭޓެއްގެ ގޮތުގައި ޕޫޓިން ވަނީ ސިފަކުރައްވާފައެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމަ ވަރުގަދަވެފައިވާއިރު، ރަޝިއާއިން ދޭ ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުގެ ޕަބްލިކް އިންފްރާސްޓްރަކްޗާ ތަކަށް ގިނަ ގެއްލުންތަކެއް ވަނީ ވެފައެވެ.