19 Oct 2022, 08:44
އިންސްޓަގްރާމް އަކީ އެންމެ ފަސޭހައިން ބޭނުންކޮށްލެވޭ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. އިންސްޓަގްރާމަށް އިތުރުކުރަމުންދާ އާ ފީޗާތަކުގެ ސަބަބުން އެ އެޕް ދަނީ ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ. އެގޮތުން އެ އެޕްލިކޭޝަނަށް ދާދި ފަހުން އިތުރުކުރި ނޯޓްސް ފީޗާގެ އިތުރުން ކޮލަބަރޭޝަން ފީޗާގެ ސަބަބުން ޔޫޒަރުންގެ ހިތްހަމަޖެހުން އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންސްޓަގްރާމް ބޭނުން ކުރާ މީހުންގެ ޕޯސްޓްތަކަށް އިތުރު މީހުންގެ ސަމާލުކަން ހޯދުމަށް މިހާރު ގިނަ ބަޔަކު ދަނީ އެ އެޕްގައި ކޮލަބަރޭޝަން ފީޗާ ބޭނުން ކުރަމުންނެވެ.
އިންސްޓާގްރާމްގެ ކޮލަބަރޭޝަން ފީޗާ ނުވަތަ އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުމަށް ފަހިކޮށްދީފައިވާ ފުރުޞަތުގެ ބޭނުންކޮށްގެން މަޝްހޫރު އެކްޓަރުންނާއި، ނުފޫޒުގަދަ ޝަޚްޞިއްޔަތުތަކާއި، އަދިވެސް ރައްޓެހިންގެ އިތުރުން ނުދަންނަ މީސްމީހުނާއެކުވެސް އިންސްޓާގްރާމްގައި މަސައްކަތް ކުރެވިދާނެއެވެ.
މި ފީޗާގެ ސަބަބުން ޕްލެޓްފޯމްގައި ހުންނަ ކޮންމެ މީހަކާ ވެސް ގުޅިގެން މަސައްކަތް ކުރެވޭގޮތް ވެފައިވާތީ ދެ އެކައުންޓެއްގެ އޯޑިއަންސްއާ ނުވަތަ ފޮލޯވަރުންނާއި ދެ އެކައުންޓްގެ ކޮންޓެންޓް އެއްފަހަރާ ހިއްސާ ކުރެވޭނެއެވެ. އެއީ ވަރަށް ގިނަ ބަޔަކު މިހާރު ގަޔާވާ ކަމަކަށް ވަނީ ވެފައެވެ.
މުޖުތަމައުގައި ނުފޫޒުގަދަ ނުވަތަ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝަޚްޞިއްޔަތުތަކަކީ އިންސްޓާގްރާމް އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި އާންމު ގޮތެއްގައި އާދަޔާ ޚިލާފަށް ފޮލޯވަރުން ގިނަ އެކައުންޓްތަކަކަށް އޮންނަނީ ވެފައެވެ. އެފަދަ މީހުންނާއެކު ނުވަތަ ރައްޓެހިންނާއެކު މިފީޗާ ބޭނުން ކޮށްލުމުން ލިބިގެންދާ އެއް ފައިދާއަކީ ފޮލޯވަރުން މަދު މީހާގެ ޕޯސްޓަށް ވެސް ގިނައިން ވިއުސް ލިބުމެވެ.
އިންސްޓަގްރާމްގައި ވިޔަފާރީގެ ޕޯސްޓްތަކާއި، އިޝްތިހާރުތައް ހިއްސާ ކުރާ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި ފީޗާއަކަށް ވާނެއެވެ. އެކަމަކު މިފީޗާ ރަނގަޅު ގޮތުގައި މަސައްކަތްކުރާނީ ދައުވަތު ދޭ އެކައުންޓާއެކު (އެއްބާރުލުން ދިނުމަށްޓަކައި) ދައުވަތު ލިބޭ އެކައުންޓްގެ ވެރި ފަރާތުން އެކަމަށް އެއްބަސްވުމުންނެވެ.
އިންސްޓަގްރާމްގައި ކޮލަބަރޭޝަން ފީޗާ ބޭނުންކުރާނެ ގޮތް:
1: ސްމާޓްފޯނުގައިވާ އިންސްޓަގްރާމް އެޕް ހުޅުވާލާށެވެ.
2: އިންސްޓަގްރާމް ރީލް ނުވަތަ ޕޯސްޓް ހަދާށެވެ.
3: ރީލް ނުވަތަ ޕޯސްޓުގެ ހުރިހާ ތައްޔާރީތައް ނިމުމުން "ނެކްސްޓް"އަށް ފިތާލުމުން ހުރިހާ ސެޓިންސްތަކާއެކު ޝެއާ ބަޓަން ފެންނާނެއެވެ.
4: މިހާރު، އެތަނުން "ޓެގް ޕީޕަލް"އަށް ފިތާލާށެވެ.
5: ކަނާތް ފަރާތުގައިވާ އިންވައިޓް ކޮލަބަރޭޓާ އަށް ފިތާލާށެވެ.
6: ދެން ސާޗް ބޮކްސްގައި ކޮލަބަރޭޝަން ހަދަން ބޭނުންވާ މީހާގެ ނަން ލިޔެގެން ހޯދާށެވެ. އެއީ ރައްޓެއްސެއް، ކުންފުންޏެއް، ނުވަތަ ޝަޚްޞިއްޔަތެއް ނުވަތަ ކްރިއޭޓާއެއް ނުވަތަ އެކްޓަރަކަށް ވެދާނެއެވެ. ބޭނުންވާ މީހަކު ސެލެކްޓް ކޮށް ނިމުމުން ކުރިއަށް ދިއުމަށްޓަކައި ކަނާތް ފަރާތު މަތީ ކަނުގައިވާ ހެޔޮ ފާހަގައަށް ފިތާލާށެވެ.
7: އެންމެ ފަހު ކަމަކަށް "ޝެއާ" ބަޓަންއަށް ފިތާލުމާއެކު ގުޅިގެން ވީޑިއޯ ޝެއާ ކުރުމުގެ މަރުޙަލާތައް ނިމުނީއެވެ.
އެއަށް ފަހު، ކޮލާބަރޭޝަން ހަދަން ދައުވަތު ދިން އެކައުންޓުން އެކަން ބަލައިގަންނަން ޖެހޭނެއެވެ. އެ އެކައުންޓުން ދައުވަތު ބަލައިގަތުމުން، ޕޯސްޓް ހެދި މީހާގެ ނަމާއި ކޮލަބަރޭޝަންގައި ބައިވެރިވި އެކައުންޓުގެ ނަން ހިމެނޭ ޕޯސްޓެއް ނުވަތަ ރީލެއް ފެންނާނެއެވެ. އެއީ ދެ އެކައުންޓަށް ވެސް މީހުންގެ ސަމާލުކަން ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.