ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރަނީ ގަވާއިދާ ޚިލާފަށް ކަމަށް ނިންމާ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 136 އުޅަނދެއްގެ ރަޖިސްޓްރީ މި ފަހުން ބާތިލްކޮށްފައެވެ.

މިކަމާ ގުޅިގެން ނުވަ މީހުން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެގޮތުން އުޅަނދުތަކުގެ ރަޖިސްޓްރީ ބާލިތްކޮށްފައި ވަނީ، ގަވާއިދާ ޚިލާފުވި ސަބަބެއް ބަޔާން ނުކޮށްކަމަށާއި، އަދި އުޅަނދުގެ ވެރިފަރާތުގެ ބަހެއް ހޯދުމަކާ ނުލައިކަމަށްވުމުން، ޓްރާންސްޕޯޓު މިނިސްޓްރީގެ އެންގުން ބާތިލުކޮށްދިނުމަށް އެ މީހުން ވަނީ ކޯޓުގައި އެދިފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކޮށްފައި ވަނީ ގަވާއިދާ ޚިލާފުވި ސަބަބެއް އެންގުމަކާ ނުލާ ކަމަށާއި، ރަޖިސްޓްރީ ބާތިލުކުރުމުގެ ކުރިން އެ އުޅަނދުތަކުގެ ވެރިފަރާތަށް އެކަން އަންގާފައި ނުވާކަމަށެވެ.

މި އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގެ ސަބަބުން އުޅަނދުތައް ބޭނުން ނުކުރެވި، އެ އަނބުރާ ހޯދުމަށް ގިނަ ހޭދައެއް ކުރަން ޖެހޭނެ ކަމަށް ބެލެވޭކަމަށް ވެސް އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވެއެވެ.

އެހެންކަމުން، މި މައްސަލައިގަ ކޯޓުން ހުކުމްކުރުމުގެ ކުރިން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލު ނުވާނެ ކަމަށާއި، އެ އުޅަނދުތަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ޚިދުމަތް ދިނުމަށް ވަގުތީ އަމުރުގައި އަންގާފައިވެއެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ރަޖިސްޓްރީ ބާތިލްކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ބާތިލްކުރީ ކޮން ސަބަބަކާ ގުޅިގެންކަން އެ މީހުނަށް އެނގޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރަޖިސްޓްރީ ބާތިލްކޮށްފައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ އެއްގޮތައްކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މީގެކުރިން ބުނީ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓާކޮށްފައިވާ އުޅަނދުތައް ފެންނަމުންދާތީ ކަމަށެވެ.