18 Oct 2022, 09:23
އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ގުޅިގެން 2020 ވަނަ އަހަރު މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑާ ގުޅިގެން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ދެއްކި ވާހަކަތަކާ ހެދި އޭނާ އާ ދެކޮޅަށް ފްލޮއިޑްގެ އާއިލާ ދައުވާ ކުރުމަށް ވިސްނާ ކަމަށް ހާމަކޮށްފިއެވެ.
އެމެރިކާގެ މިނިއާޕޮލިސްގައި 2020ގައި އެ ހާދިސާ ހިނގާފައިވަނީ ފްލޮއިޑް ހައްޔަރު ކުރުމަށް އުޅުނު ފުލުހުންގެ ތެރެއިން އެކަކު އެތައް އިރެއް ވަންދެއް ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ. އެތައް އިރެއް ވަންދެއް ފްލޮއިޑް ގޮވަމުން ދިޔައީ އޭނާ އަށް ނޭވާ ނުލެވޭ ކަމަށެވެ. ނަމަވެސް ނަސްލީ ގޮތުން މޯޓިވޭޓް ވެފައިވާ މި މައްސަލައިގައި ފްލޮއިޑްގެ ނަސްލަށް ބަލައި އަނިޔާވެރިކޮށް އަމަލުކުރިއެވެ.
މި މައްސަލައިގައި މިހާރު ފުލުސް މީހާ، ޑެރެކް ޝޯވިންގެ މައްޗަށް، ފްލޮއިޑް މަރާލިކަން ވަނީ ކޯޓުން ސާބިތުވެސް ވެފައެވެ.
Kanye West says George Floyd passed away because of fentanyl and that the cop’s knee “wasn’t even on his neck like that”pic.twitter.com/sVKy3VK35O
— Kurrco (@Kurrco)October 16, 2022
މިހެން ކަންތައް އޮއްވައި ކާންޔޭ ވެސްޓް ވަނީ ދާދިފަހުން "ޑްރިންކް ޗޭމްޕްސް" ނަމަކަށް ކިޔާ ޕޮޑްކާސްޓަކަށް އަރައި ފްލޮއިޑް މަރުވި ހާދިސާއާ ގުޅޭގޮތުން ވަރަށް އަޑުއަހަން އުނދަގުވާ ވާހަކަތަކެއް ދައްކާފައެވެ.
ކާންޔޭ ބުނެފައިވަނީ ފްލޮއިޑް މަރުވެފައިވަނީ ފެންޓަނިލްގެ ސަބަބުން ކަމަށެވެ. އަދި ފްލޮއިޑް އަނިޔާވެރިކޮށް ހިފަހައްޓާފައިވާ ވީޑިއޯއަށް އަލި އަޅުވާލަމުން އޭނާ ބުނެފައިވަނީ އެ ވީޑިއޯގައި ފުލުސް މީހާގެ ފައި، ފްލޮއިޑްގެ ކަރުގައި ނުވެސް ޖެހޭ ކަމަށެވެ. ނަމަވެސް ފްލޮއިޑުގެ ކަރަށް ކަކުލުން އަރައިގެން ހުންނަ މަންޒަރު އެ ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
ކާންޔޭގެ ކޮމެންޓާ ގުޅިގެން ފްލޮއިޑްގެ އާއިލާގެ ފަރާތުން ރައްދު ދެމުން ސިވިލް ރައިޓްސް ވަކީލު ލީ މެރިޓް ބުނެފައިވަނީ ފްލޮއިޑްގެ އާއިލާއިން އަންނަނީ މިހާރު ކާންޔޭ އާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ވިސްނަމުން ކަމަށެވެ.
ފްލޮއިޑް މަރުވީ ޑްރަގަކުން ކަމަށް ބުނެ އެ ވާހަކަ އޮޅުވާލުމަކީ އާއިލާއިން ފްލޮއިޑުގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑަށް މަލާމާތް ކުރާ ފެންވަރުގެ އަމަލެއް ކަމަށް މެރިޓް ބުންޏެވެ.