މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓްތަކަކާއިއެކު ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ މީހަކާއި އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:40 އެހާކަންހާއިރު މާލޭ އުތުރު ހާބަރު ގައި އޮތް "ކޮންކޯޑް އެކްސްޕްރެސް" ކިޔާ ބޯޓެއްގެ ފާހާނާގެ ތެރޭގައި މަސްތުވެގެން މީހަކު ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގޮސް ޗެކްކުރި އިރު އެ ބޯޓުގެ ފާޚާނާ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓްތަކަކާއި އެކު ހައްޔަރު ކުރީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ ނ. ވެލިދޫ މޭވާގެ މުހައްމަދު އަލި މަނިކު،30 ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ބްލެޓް ސައިޒުގެ ތިން ޕެކެޓާއި ހޭސް އޮއިލް ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާއި އަދި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި 36 ރަބަރު ޕެކެޓުގެ އިތުރުން ހޭޝް އޮއިލް ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހޭކިފައިވާ ކޮތަޅެއް ވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މުހައްމަދު އަލި މަނިކަކީ މާރާމާރީ އާއި ބަދުއަޚުލާގީ މައްސަލަތަކާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ ޕެކެޓްތަކަކާއި އެކު އިތުރު ދެމީހަކު ވެސް މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ފުރަތަމަ ފަންގިފިލާއިން ހައްޔަރުކުރި ދެ މީހުންނަކީ ލ. ގަން މުކުރިމަގު ސައީދާ މަންޒިލް އަލީ އަހުމަދު،24 އާއި ލ. މާވަށް، ހުޅަނގުގޭ ފާރިޝް އަހުމަދު،22 ކަމަށެވެ.
އެ ދެމީހުން ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ތުހުމަތު ކުރެވޭ ރަބަރު ޕެކެޓްތަކެއް ފެނިފައިވާކަމަށާއި އޭގެ ތެރެއިން ފާރިޝް އަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު މީގެ ކުރިން ވެސް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.