17 Oct 2022, 19:34
ބްރެޒިލްގެ ސަންޓޯސް އިން ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ނޭމާއާ ދެކޮޅަށް ވެއްދި މައްސަލައިގައި މިއަދު ނޭމާ ކޯޓަށް ހާޒިރުކޮށްފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ނޭމާ ވަނީ މިއަދު ކޯޓަށް ހާޒިރުވުމަށް ބާސެލޯނާއަށް އައިސްފައެވެ. ބާސެލޯނާގެ އެއާޕޯޓުތެރެއިން ނޭމާ ވަނީ ސަޕޯޓަރުންނަށް އޮޓޯގްރާފް ދެނިކޮށް ފިނިފައެއެވެ.
ޓެކުހަށް މަކަރު ހެދިކަމުގެ މައްސަލައިގައި ނޭމާގެ އިތުރުން ނޭމާގެ އެޖެންޓުގެ ގޮތުގައި އޭރު މަސައްކަތްކުރި އޭނާގެ ބައްޕަ ނޭމާ ސީނއާގެ އިތުރުން އޭރު ބާސެލޯނާގެ ރައީސް ސަންޑްރޯ ރޮސެލްގެ މައްޗަށް ސްޕެއިންގެ ދައުލަތުން ދައުވާކުރެއެވެ.
ސަންޓޯސް އިން ބާސާ އަށް 2013 ވަނަ އަހަރު ބަދަލުވުމުގައި ނޭމާ މަކަރު ހަދާފައިވާ ކަމަށް ބުނެ ކޯޓަށް މައްސަލަ ވައްދާފައިވަނީ ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިންނެވެ.
އެ މައްސަލާގައި ނޭމާ އަދި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ބައްޕަ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެ މައްސަލަ ނޭމާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއާއި އޭނާގެ ބައްޕައަށް ދެ އަހަރުގެ ޖަލު ހުކުމަކާއެކު، ދިހަ މިލިއަން ޑޮލަރުން ޖޫރިމަނާކުރާނެއެވެ. ނޭމާއާއި އޭނާގެ ބައްޕައަށް ޖަލު ހުކުމެއް އައި ކަމުގައިވިޔަސް، ސްޕެއިންގެ ގާނޫނު ބުނާގޮތުން އެފަދަ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު އެ ހުކުމް ތަންފީޒެއް ނުކުރާނެއެވެ.
ޓްރާންސްފާގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ސާބިތުވެއްޖެނަމަ ބާސާ ނުވަ މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ސަންޓޯސް ހަތް މިލިއަން ޑޮލަރުން ޖޫރިމަނާކުރާނެއެވެ.
ބާސާއިން 2013 ވަނަ އަހަރު ނޭމާ ގަތުމަށްޓަކައި ސަންޓޯސްއަށް 17.1 މިލިއަން ޔޫރޯއާއެކު 40 މިލިއަން ޔޫރޯ ދީފައިވެއެވެ. އެހެންނަމަވެސް ނޭމާ ގަތުމަށްޓަކައި ބާސާއިން 86 މިލިއަން ޔޫރޯ ޚަރަދުކޮށްފައިވާ ކަމަށް އެކްލަބުން ބުނެއެވެ.
އޭނާއަށް ލިބުނު އާމްދަނީގެ 27.5 ޕަސެންޓު އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެއެވެ. ނަމަވެސް އެ ޕަސެންޓުގެ ބަދަލުގައި އެ ކުންފުނިން ވަނީ އޮޅުވާލައިގެން އިންކަމް ޓެކްސްގެ ގޮތުގައި ކުޑަ އަދަދެއް ދައްކާފައެވެ.
ނޭމާއަށް ލިބުނު އާމްދަނީ ވަނީ އޭނާގެ އާއިލާ ހިއްސާވާ ކުންފުނީގެ އާމްދަނީގެ ގޮތަށް ބަދަލުކޮށް ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ޓެކްސް ދައްކައިފައެވެ. ބްރެޒިލްގައި ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ އާމްދަނީގެ 15 އިންސައްތަ އާއި 25 އިންސައްތައާ ދެމެދުގެ އަދަދެކެވެ.