17 Oct 2022, 15:33
ޑިޕްލޮމާ ހާސިލުކޮޮށްގެން މެޖިސްޓްރޭޓަކަށް ވެވޭ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް އެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ދަށު ކޯޓުތަކުގެ ތެރެއިން ރަށު ކޯޓުތަކުގެ ފަނޑިޔާރެއްގެ ފެންވަރަކީ ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމެވެ. އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތަކީ ވެސް ދަށްވެގެން ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން ކަމަށެވެ.
އެ ބިލު ދިރާސާ ކުރުމަށް މިއަދު ކޮމިޓީއަށް ފޮނުވިއިރު އެ ބިލާ ގުޅިގެން މަޖިލީހުގައި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު މެންބަރު އާދަމް ޝަރީފް ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރަކީ ޑިޕްލޮމާ ކަމަށް ގާނޫނުގައި ލިޔެފައި ވަނީ މީގެ 12 އަހަރު ކުރިން ކަމަށެވެ.
އެކަމަށް ފާޑުވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ޑިޕްލޮމާއަކީ ކޮން ފެންވަރެއްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ޑިގްރީއެއް ތިން އަހަރުން ހާސިލު ކުރެވޭއިރު ސިސްޓަމެޓިކް ކޮށް ބަލާނަމަ ޑިޕްލޮމާއަކީ އެ ޑިގްރީގެ ފުރަތަމަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. ވުމާއެކު ޑިޕްލޮމާއަކުން ހާސިލު ކުރެވޭނީ ޑިގްރީއަކުން މީހަކު ހާސިލު ކުރާނެ މިންވަރުގެ ތިންބައިކުޅަ އެއްބައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ކުރިން ރައީސް މައުމޫން [އަބްދުލްގައްޔޫމް]ގެ ވެރިކަމުގައި ކޯޓުތައް ކުއްލިއަކަށް އުފެއްދި އިރުގައި މީހުން މާލެ ގެނެސް، 10 މަސް ދުވަހުގެ ޓްރެއިނިންއެއް ދީ، ކޯޓުގައި ތަމްރީނުވުމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ގާޒީން ތަމްރީނު ކުރިޔަސް މިއަދު ދުނިޔެ ބަދަލުވެއްޖެ،" އާދަމް ޝަރީފް ވިދާޅުވިއެވެެ.
އޭނާ ވިދާޅުވީ މިއަދު ކޯޓުތަކަށް ހުށަހެޅެނީ ވަރަށް ބޮޑެތި، ޙައްސާސް މައްސަލަތައް ކަމަށެވެ. އަދި ބޮޑެތި ގާނޫނުތަކާއި ބައިނަލްއަގްވާމީ ގޮތުން ހުރި ބައެއް ކަންތައްތައް އެކުވެ، ލާމެހިގެން ކޯޓުތަކުގައި މަސައްކަތް ކުރަންޖެހޭއިރު ކޯޓެއްގެ މެޖިސްޓްރޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރަކީ ޑިޕްލޮމާތޯ އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.
އޭނާ ވިދާޅުވީ ކޯޓުތަކުގައި ތިއްބަވަން ޖެހޭނީ އެންމެ ދަށްވެގެން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހޭނީ އެންމެ ދަށްވެގެން، މާސްޓާސް ހާސިލުކުރައްވާފައި ތިއްބަވާ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.