17 Oct 2022, 14:46
ބިލުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި ބިލުކުރުމުގައި އަމަލު ކުރަންވީ އުސޫލުތައް ބަޔާންކުރާ ގަވައިދެއް, ޚިދުމަތްދޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން އެކުލަވާލަންޖެހޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އެ ބިލު އެންވައިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު ފާސްކުރީ 57 މެންބަރުންގެ އިއްތިފާގުންނެއެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން ބިލުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ބިލުކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލަންޖެހެއެވެ. ކޮމިޓީން ވަނީ އެ ގަވައިދު އެކުލަވާލުމުގައި ޚިދުމަތްދޭ ފަރާތްތަކުގެ މަޝްވަރާގެ އެކުލަވާލަންޖެހޭ ގޮތަށް އެ މާއްދާއަށް އިސްލާހު ގެނަސްފައެވެ. އޭގެ އިތުރުން ކޮމިޓީން ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނުގެ 34 ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވެސް ފާސް ކޮށްފައެވެ.
ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު އެ ބިލު މަޖިލީހުން ފާސް ކޮށްފައިވާއިރު ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ބިލުގެ މައިގަނޑު ބޭނުމަކީ އާންމު ބޭނުންތަކުގެ އެކި ޚިދުމަތްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް ލުއިތަކެއް ހޯދައި ދިނުން ކަމަށެވެ.
"އަދި ބިލުކުރުމާ ގުޅިގެން ދިމާވާ އެނޫން ވެސް މައްސަލަތައް، ދެފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ފަދައަކުން ހައްލު ކުރުމަށްޓަކައި،" ޝަރީފް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ އިސްލާހުގައި ވާ ގޮތުން އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު ބަޔާން ކުރާ ގަވައިދު އެކުލަވާލަން ޖެހޭނީ ރެގިއުލޭޓަރީ އޮތީރިޓީންނެވެ. އަދި އެ ގަވައިދުގައި އެއް މިންވަރެއްގެ ބިލިން ސައިކަލްއެއް ކަނޑައެޅުމާ ގުޅޭ އުސޫލުތައް ހިމަނަން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތައް ބަޔާން ކުރުމާއެކު ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތައް ވެސް ގަވައިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
ޔުޓިލިޓީ ރެގިޔުލޭޓަރީ ބިލަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ކަންކަން އިންތިޒާމުކުރުމަށް އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައަޅާފައިވާ ބިލެކެވެ.