ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގެ 20 ވަނަ ކޮންގްރެސް ބެއިޖިންގެ "ގްރެއިޓް ހޯލް އޮފް ދަ ޕީޕަލް" ގައި އިއްޔެވަނީ ފަށާފައެވެ. މި ކޮންގްރެސް މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

ޗައިނާގެ ކޮމިޔުނިސްޓު ޕާޓީ އުފައްދައި އެޕާޓީގެ ފުރަތަމަ ކޮންގްރެސް ބާއްވާފައިވަނީ 1921 ވަނަ އަހަރުއެވެ. އެއަށްފަހު ކޮންމެ ފަސްއަހަރަކުން އެއްފަހަރު މިކޮންގްރެސް ބާއްވަމުން ގެންދެއެވެ.

ޗައިނާގެ ދާޚިލީ ހަނގުރާމައިގާ ކޮމިއުނިސްޓުން ހޯދި ކާމިޔާބީއާއެކު ކޮމިއުނިސްޓް ޕާޓީ ޗައިނާގެ ވެރިކަމަށް އައިސްފައިވަނީ 1949 ވަނަ އަހަރުއެވެ.

ކޮމިއުނިސްޓް ޕާޓީގެ މިފަހަރުގެ ކޮންގްރެސްގައި ޗައިނާގެ އިދާރީ ޕުރޮވިންސްތަކުން ޖުމްލަ 2,300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. ފާއިތުވި 10 އަހަރު ޗައިނާގެ ރައީސްގެ ހައިސިއްޔަތުން ޝީޖިންޕިން އެގައުމުގައި ވެރިކަން ކުރައްވާފައިވަނީ ކުރީގެ ރައީސުން ވެރިކަން ކުރައްވާފައިވާ ވަރަށްވުރެ މާ ބާރާއި ނުފޫޒުގައެވެ.

ޝީ ގެ ވެރިކަމުގައި ޗައިނާ ވަނީ އިގްތިސާދީގޮތުންނާއި ސިނާއީ ގޮތުންނާ އަދި އިންފްރާސްޓްރަކްޗާ ގެ ގޮތުންނާ އިލްމީ ރީސާޗް އާއި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައެވެ. އިގްތިސާދު އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން ޝީގެ ޒައާމަތުގައި ޗައިނާގެ އަސްކަރީ ބާރާއި ޗައިނާގެ މައުނަވިބާރާއި ހައިބަތާއި ނުފޫޒުވެސް ދުނިޔޭގައިވަނީ އާދަޔާ ޚިލާފަށް ބޮޑުވެ އިތުރުވެގެން ގޮސްފައެވެ.

ޝީގެ ޒައާމަތުގައި ޗައިނާ ވަނީ އެގައުމާ ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުުމު އެއްގަމާއި ކަނޑުގެ މަގުން ގުޅާލުމަށްޓަކައި ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް އެއް އުފައްދާފައެވެ. މި އިނިޝިއޭޓިވްގެ ދަށުން ޗައިނާ ގެންދަނީ މި 80 ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެެއްހާސް ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ތަންފީޒު ކުރަމުންނެވެ. މި 80 ގައުމުގައި ޗައިނާގެ އެހީގައި ގާއިމްކޮށްދޭ މަދަނީ އިންފްރާސްޓްރަކްޗާ ގެ ތެރޭގައި އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކާ ކާރުޚާނާތަކާއި މަގުތަކާއި ބްރިޖްތަކާއި ހައިވޭތަކާއި ރިއަލްއެެސްޓޭޓް ހިމެނެއެވެ.

ކޮންގްރެސްގައި ޝީ ދެއްވި ޚިތާބުގައި މިކަންކަމުގެ މައްޗަށްވަނީ އަލިއަޅުވާލައްވާފައެވެ. މިގޮތުން އޭނާގެ ވެރިކަމުގައި ދުނިޔޭގެ އެންމެ ބޮޑު ދެބާރުގެ ތެރެއިން އެއްބާރަށް ޗައިނާ ވެގެންދިޔަކަން ފާހަގަކުރެއްވައި އޭނާގެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން ޝީ އެދިވަޑައިގެންނެވެ.

ޗައިނާގެ އެތެރޭގެ ކަންކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން ޝީ ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ގެންގުޅޭ "ޒީރޯކޮވިޑް" ގެ ސިޔާސަތު ދިފާއުކުރައްވާފައެވެ. އެއީ ތަންފީޒުކުރަން އުނދަނގޫ ސިޔާސަތެއްނަމަވެސް ޗައިނާގައި ކޮވިޑް ކޮންޓްރޯލު ކުރެވުނީ އެސިޔާސަތުގެ ސަބަބުންކަމަށާ އެއީ ޗައިނާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގެ ސިޔާސަތެއްކަމަށް ސިފަކުރައްވައި އެސިޔާސަތު ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

"ޒީރޯކޮވިޑް" ސިޔާސަތުގެ ދަށުން ކޮވިޑް ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެމީހަކު ދިރިއުޅޭ އަވަށް ނުވަތަ ކައުންޓީ އެއްކޮށް ފުރަބަންދު ކުރުމަށްފަހު އެތަނެއްގެ ހުރިހާ ރައްޔިތުން ކޮވިޑް ޓެސްޓް ކުރަން މަޖުބޫރުވެއެވެ. މީގެއިތުރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާ ހޮންގްކޮންގް އާއި ތައިވާނުގެ މައްސަލައަށްވެސް ޝީ އަލިއަޅުއްވާލެއްވިއެވެ.

ހޮންކޮންގް އާ ބެހޭގޮތުން ވިދާޅުވީ އެސަރަހައްދު ހަލަބޮލި ކުރުމަށް ބަޔަކު ހިންގި ގަނޑުބަޑު ސުލްހަވެރިކަމާއެކު ހުއްޓުވައި ހަމަޖެހުން ގެނަސް ރަނގަޅު އިދާރީ ނިޒާމެއް ގާއިމުކޮށް ހޮންގްކޮންގްގެ މައްޗަށް ޗައިނާގެ މައިސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ކަށަވަރު ކުރެވިފައިވާކަމުގައެވެ.

ޗައިނާއިން ވަކިވެގަނެގެން އުޅޭ އެހެން ނަމަވެސް މިނިވަންކަން އިއުލާނު ނުކުރާ ސަރަހައްދެއްކަމަށްވާ ތައިވާން އާބެހޭގޮތުން ވިދާޅުވީ ތައިވާންގައި ވަކިވެގަތުމުގެ ހަރަކާތެއް އެބައޮތްކަމަށާ އެއީ ގޮންޖެހުމެއްކަމުގައެވެ. ނަމަވެސް ތައިވާނަކީ ޗައިނާގެ ބައެއްކަމަށާ އަދި ޗައިނާ އޮތީ، އެ ގައުމުގެ ގައުމީ އެއްބައިވަންތަކަން ހިމާޔަތްކުރަން އަޒުމް ކަނޑައަޅައިގެން ކަމަށާ އެކަމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރާނެކަމަށް ޝީ ވިދާޅުވިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސް

އަދި ތައިވާން ހިމެނޭ ގޮތަށް، ޗައިނާގެ ބިމުގެ ސަރަހައްދުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުމުގެ ފުރިހަމަ ގާބިލުކަމާއި އަޒުމް ޗައިނާގައި އެބަހުރި ކަމަށް ވިދާޅުވެ ތައިވާނުން މިނިވަންކަން އިއުލާނުކޮށްފިނަމަ ބާރުގެ ބޭނުންކޮށްގެން އެސަރަހައްދު ޗައިނާގެ ސިޔާދަތުގެ ދަށަށް ގެންނާނެކަމަށް އިޝާރަތް ކުރައްވައި އެކަމުގެ ބާރާއި ގާބިލުކަން ޗައިނާގެ ކިބާގައި ހުރިކަން ޝީ ފާހަގަ ކުރެއްވިއެވެ.

ޝީ ވިދާޅުވިގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މަގުސަދަކީ ޗައިނާގެ ހުރިހާ ދަރިކޮޅުތަކެއްގެ މީހުން ޝާމިލްވާ ކޮމިޔުނިސްޓް ދައުލަތެއް ބިނާކުރުމެވެ. އެމަސައްކަތުގެ ބޮޑުބައި ފުރިހަމަ ކުރެވިފައިވީނަމަވެސް އަދިވެސް ފުރިހަމަކުރަންޖެހޭ ބައިތައް އެބަހުރިކަން ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސް ބާއްވަނީ އެޕާޓީގެ ވެރިކަމުގެ ދެވަނަ ސައްތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިސްރާބު ޖަހާފައިވާ ވަގުތެއްގައިކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ކޮންގްރެސްގެ މަސައްކަތްތަކުގެ ތެރޭގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމާއި ޕާޓީގެ ސެންޓްރަލް ކޮމިޓީއަށް 200 މެންބަރުން އިންތިޚާބު ކުރުން ހިމެނެއެވެ.

މީގެއިތުރުން ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ސްޓޭންޑިންގ ކޮމިޓީއަށް ހަތް މެންބަރުން އިންތިޚާބު ކުރުންވެސް ކޮންގްރެސްގައި އޮންނާނެއެވެ. ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިފަހަރުވެސް އިންތިޚާބު ކުރާނެކަމަށް ބެލެވެނީ މިހާރުވެސް އެމަގާމުގައި ހުންނެވި ޝީ ޖިންޕިން އެވެ. އަދި މިކޮންގްރެސްގައި ރައީސް ޝީ ޖިންގްޕިން ރިޔާސީ ތިންވަނަ ދައުރަކަށް ޗައިނާގެ ރައީސްކަމަށް އިންތިޚާބު ކުރާނެކަމަށްވެސް ވަނީ ބެލެވިފައެވެ.

މިހާރު އޮންނަ ގޮތުން ކޮމިއުނިސްޓް ޕާޓީގެ ސެކްރެެޓަރީ ޖެނެރަލް ކަމުގެ މަގަމަކީ ޗައިނާގެ ރައީސަށް އޮންނަ މަގާމެކެވެ.