އެމްޑީޕީގެ ކޮންގްރެހުން ފާސް ނުކުރާ ބަދަލުތަކެއް އެ ޕާޓީގެ އަސާސީ ގަވާއިދަށް ޕާޓީގެ ގެނެސްފައިވާ ކަމަށާއި އެ އެކަންކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައި ކަމަށް ބުނެ، މައްސަލަ ތަހުގީގުކުރުމަށްޓަކައި މިދިޔަ އަހަރު ޖޫންގައި އުފައްދާފައިވާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ގައުމީ މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓުގައި ބުނެފައިވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅި އަސާސީ ގަވާއިދާއި މިހާރު އާންމުކޮށްފައިވާ އަސާސީ ގަވާއިދުގައި ތަފާތުތަކެއްވާ ކަމަށެވެ.

މި މައްސަލަ މިއަދު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަގުމާއެކު ވަނީ މައްސަލަ ހޫނުވެފަ އެވެ. އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ގައުމީ މަޖިލީހުގައި ވިދާޅުބީ އެމްޑީޕީ ގައުމީ މަޖިލީހުގެ ބާރުތައް ކުޑަކޮށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް ގައުމީ މަޖިލީހުން ފާސް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަސާސީ ގަވާއިދުގައި ހުރި ފުށުން އެރުންތަކާއިމެދު ގޮތެއް ނިންމުމަށް އެކުލަވާލި ކޮމެޓީން ނިންންމާފައިވާ ގޮތުގެ ރިޕޯޓް ހުށަ ނޭޅޭނެ ކަމަށް ވިދާޅުވެ އަލްހާނު ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ބާރުތައް ކުޑަ ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރޭވޭނެ ކަމަށެވެ.

އަދި އެންމެ ފަހު ބޭއްވި ކޮންގްރެސްގައި ރައީސް އާއި ނައިބު ރައީސް އޮތުމަށް ފާސް ކުރުމުން ޕާޓީގެ ޗެއާޕާސަން އަސާސީ ގަވާއިދުން ލިބިދީފައިވާ ބާރުތައް ކުޑަވެގެން ދާނެ ކަމަށް އަލްހާނު ވިދާޅުވި އެވެ.

"ޕާޓީގެ ރައީސް އާއި ނައިބު ރައީސް އުވާލުމަށް ހުށަހަޅާފައިވަނީ އެންމެ ފަހުން ކަމަށްވާތީ އޭގެ ކުރިން ޗެއާޕާސަން އަށް ދެވުނު ރައީސް އާއި ނައިބު ރައީސް ބާރުތަކަކީ ބާތިލް އެއްޗެއް. އެއީ ދުސްތޫރީ ކޯޓެގެ ކުރިމަތީ ބާތިލް ވާނެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ "އެމްޑީޕީގެރައީސް އަދި ނައިބު ރައީސް އަށް ގައުމީ މަޖިލީހުގައި ބައިވެރިނުވެވޭ ގޮތަށް އޮތުމަކީ" ޖޯކެއް،" ކަމަށެވެ.

"ޕާޓީގެ ރައީސް އާއި ނައިބު ރައީސް މަގާމު އުވާލުމަށް ހުށަހެޅުމާއި ގުޅިގެން އެ ދެ މަގާމުން ނުއުވި އެ ދެ މާގާމު އިންތިހާބުކުރެވި އެ ދެ މާގާމުގެ މަސްއޫލިއްޔަތެއްނެތި އެ ދެމާގާމަށް މި ޕާޓީ ތެރޭގައި ކުރެވޭ ކަމެއްނެތި އެ ދެގާމަކީ ގައުމީ މަޖިލީހުގައިވެސް ނުހިމެނި އޮތުމަކީ ވަރަށް ޖޯކް ކަމެއް. މިއީ ވަރަށް ވިސްނަން ޖެހޭ ކަމެއް،" އަލްހާނު ފަހުމީ ވިދާޅުވި އެވެ.

އަދި ޕާޓީގެ ރައީސާއި ނައިބު ރައީސާއި ޗެއާޕާސަނަށް އެއްބާރު ތަކެއް ލިބިފައިވާ ގޮތަށް އަސާސީ ގަވާއިދުގައި ހުރި ފުށުންތަކާއިމެދު ގޮތެއް ނިންމަން ޖެހޭނީ ޝަރުއީ ކޯޓަކުން ކަމަށް އަލްހާނު ވިދާޅުވެ ވަކި ހިސާބަކުން ވަނީ މަޖިލީސް ދޫކޮށްލައްވާ ވަޑައިގެންފަ އެވެ.

މިއަދު ބޭއްވި ބައްދަލުވުން މަޣުރިބް ނަމާދަށް މެދުކަނޑާލި ވަގުތު އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް ވަނީ އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީގެ އިސްތިއުފާއަށް ގޮވައި އަޑުހަރުކޮށްފަ އެވެ.

އަސާސީ ގަވައިދުގައި ބައެއް ފުށު އެރުންތައް ހުރުމުން އެކަމާމެދު އަމަލު ކުރާނެ ގޮތުގެ ރިޕޯޓް ކޮމެޓީން ހުށަހެޅުމާއި ގުޅޭ ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ ކޮމެޓީއަކުން އަސާސީ ގަވާއިދަށް އިސްލާހް ނުގެނެވޭނެ ކަމަށާއި އަސާސީ ގަވާއިދަށް އިސްލާހް ގެނަންޖެހެނީ ޕާޓީ ކޮންގްރެސް އިން ކަމަށެވެ. އަދި ކޮމެޓީން ނިންމާފައިވާ ގޮތުގެ ރިޕޯޓު ހުށަހެޅުން މިއަދަށް އެޖެންޑާ ކޮށްފައިވާތީ އެއީ ހުށަހެޅޭނެ ރިޕޯޓެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ނާއިބު ރައީސް އަލްހާނު ފަހުމީ މަޖިލީހުގެ އެޖެންޑާ ފާސް ކުރުމަށް މިއަދު ވޯޓެއް ވެސް ނުދެއްވަ އެވެ.

އޭގެ ފަހުން ގައުމީ މަޖިލީސް ކުރިއަށް ގެންގޮސް އަސާސީ ގަވާއިދުގައި ހުރި ބައެއް ފުށު އެރުންތަކާއިމެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުން ނަގާފައިވާ ކޮމެޓީން އަސާސީއަށް އަށް ބަދަލު ގެނެސްފައިވާ ކަމަށްބުނެ އެ ބަޔަކާއިމެދު ފިވަޅު އަޅަން ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން އަންނަ މަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ބާއްވާ ދުވަސް ފަސްކޮށް ޕްރައިމަރީއާއެކު ޕާޓީގެ ޗެއާޕާސަނާއި އޭނާގެ ނައިބު މަގާމަށް ބޭފުޅަކުން ހޮވުމުގެ އިންތިހާބު ބާއްވަން އެމްޑީޕީންގެ ގައުމީ މަޖިލީހުން ނިންމި އެވެ.

މިއަދު ބޭއްވި ޖަލްސާގައި އެގޮތަށް ފާސްކުރީ ޗެއާޕާސަންގެ މަގާމާއި ޗެއާޕަސަންގެ ނައިބު މަގާމަށް ކުރި މަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލުމަށްފަހު ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަހު ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމުގެ އިންތިހާބު ވެސް ބޭއްވުމަށެވެ.

މި ގޮތަށް ފާސްކޮށްފައި ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ މުއްދަތު އިތުރު ކުރަން ހުށަހެޅި ގަރާރަކަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅި އިސްލާހަކާ ގުޅިގެނެވެ.

ވަގުތީ ޗެއާޕާސަން މޫސާ މަނިކު ރިޔާސަތު ބެލެއްޓެވި ޖަލްސާގައި އަލީ ވަހީދު ހުށަހެޅި އިސްލާހުގައި ބުނަނީ އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ފަސް ކުރުމަކީ ޕާޓީގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށާއި ނަމަވެސް ހުސްވެފައިވާ އެމްޑީޕީގެ މަގާމުތަކުގެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަހު ބާއްވަން ތާއީދު ކުރާ ކަމަށެވެ.

އަލީ ވަހީދގެ އިސްލާހާއެކު މި ގަރާރު ފާސް ކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާއެކުގަ އެވެ.

މީގެ އިތުރުން 2010 ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި ފާސްކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ފުށު އެރުން ތަކެއް ހުރި ކަމަށް ފެންނާތީ އަސާސީ ގަވާއިދު އިލެކްޝަން ކޮމިޝަނަށް ނުފޮނުވާ އޮތް ނަމަވެސް އެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތަށް އިލެކްޝަނަށް ފޮނުވުމަށް ވެސް މިއަދުގެ ގައުމީ މަޖިލީހުން ނިންމި އެވެ.

ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރެވޭނީ ޕާޓީން ބާއްވާ އިސްލާހަކުން ކަމަށް ނިންމާފައިވީ ނަމަވެސް އަވަސް ކޮންގްރެސް ބޭއްވުމަށް ގައުމީ މަޖިލީހަށް މެންބަރަކު ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށްފަހު ވޯޓަށް އެހުމަށް ތައްޔާރުވެފައިވަނިކޮށް އެ ގަރާރު ހުށަހެޅި ފަރާތުން ވަނީ އަނބުރާ ގެންގެންގޮސްފަ އެވެ.

މީގެ އިތުރުން މިއަދުގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީ އަންހެނުން ރޫހުގެފަރާތުން ހިންގާ ހަރަކާތަކަށާއި އައްޑޫގެ އެމްޑީޕީ ގޮތްޕަށާއި އަދި ތޮއްޑޫގެ އެމްޑީޕީ ގޮތްޕަކަށް ބޭންކު އެކައުންޓެއް ހުޅުވުމަށް ވަނީ ފާސްކޮށްފަ އެވެ.