17 Oct 2022, 12:32
ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)އިން ހެކަތަން ކާމިޔާބުކުރި މީހުން އިއުލާންކޮށްފިއެވެ.
ހެކަތަން ކާމިޔާބު ކުރި ފަރާތްތައް އިއުލާނު ކުރުމަށް ބީއެމްއެލްއިން ވަނީ ރޭ ހޮޓެލް ޖެންގައި ހަފުލާއެއް ބާއްވާފައެވެ.
ބީއެމްއެލް ހެކަތަން ކާމިޔާބުކުރި މީހުންގެ ތެރޭގައި ހިމެނެނީ:
އަޙުމަދު މަޙުފޫޒު، ޙުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިން
- މުޙައްމަދު އާތިކް ޢަލީ ރިޒާ، ފާތިމަތު އަރީން ނަސީމް، މުޙައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކަރ
- މުޙައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުޙައްމަދު އީމާން – ހުށަހަޅާފައިވަނީ ޕަސަނަލް ފައިނޭންސް މެނޭޖަރު

ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާނު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާނު
މި ހެކަތަން ބާއްވާފައިވަނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަ އެކްސްޕީރިއެންސް' މި ތީމްގެދަށުންނެވެ.
ތިރީހަށްއަށް ވުރެ ގިނަ ބައިވެރިންނާއެކު، 48 ގަޑިއިރަށް ދެމިގެންދިޔަ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ޚިޔާލުތަކާއި ހައްލުތައް ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ފިންޓެކް ކޮމިއުނިޓީ ގެ ފަރާތުން މި ހެކަތަން އަށް ދެއްވި ޝައުގުވެރިކަމަކީ އެ ކުންފުނިން ވަރަށް އުފާލާއެކު ބަލައިގަންނަކަމެއް ކަމަށެވެ.
ހަމައެއާއެކު، ހެކްތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ވަނީ ލިބިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހުށަހެޅި ޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބް އަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ޚިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓަސް އަށް ޚާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން،" ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލްގެ ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާނު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާނު
ހެކަތަންގައި ހޮވޭ ތިން ޓީމުން ހުށަހަޅާ ޚިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އެ މުއްދަތުގައި މަސައްކަތްކުރުމަށް ޚާއްސަ އޮފީހެއް ހަމަޖައްސައިދިނުމާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުމާއި ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބީއެމްއެލްގެ ފަރާތުން ފުރިހަމަކޮށްދޭނެއެވެ.
ހެކަތަން އަކީ މި އަހަރު ފާހަގަކުރާ ބީއެމްއެލްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.