އަވައްޓެރި ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ފައިސާގެ އެހީ ދީފިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފިސަރުންނަށް ހުޅުވައިލައިގެން ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ހަރަކާތަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާާ ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޑިރެކްޓަރ އޮފް އޭވިއޭޝަން ސެކިއުރިޓީ އަލީ އަސްގަރު "ސަން"އަށް ވިދާޅުވީ ޕާކިސްތާނަށް އެހީވުމުގެ ގޮތުން އެ ކޮމާންޑުން ކުރިއަށް ގެންދިޔަ ހަރަކާތަކީ މުވައްޒަފުންގެ އަމިއްލަ އިސް ނެގުމެއް ކަމަށެވެ.

"މީގެ ކުރިންވެސް މިކަހަލަ ހަރަކާތްތައް ހިނގާފަ ވާނެ، ގާޒާ ފަންޑަށް އަޅުގަނޑުމެން ފައިސާ ހަދިޔާކުރިން. އެއަށް ލިބުނު އެއްލައްކަ ރުފިޔާ،" އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ފައިސާގެ އެހީ ހަވާލުކުރުން ---

އޭނާ ވިދާޅުވިގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި އުޅޭ މުވައްޒަފުންއަކީ އަބަދުވެސް ރާއްޖެއަށާއި ބޭރުގެ އެހެން ގައުމުތަކުން ވެސް ހާލުގައި ޖެހޭ މީހުންނަށް ވެވުނު ވަރަކުން އެހީވާނެ ބައެކެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތާނގަވެސް މިފަދަ ހަރަކާތެއް ހިނގަން ޖެހިއްޖެނަމަ ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެއްކުރި ބައި ލައްކަ ރުފިޔާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެންޕޭނާ ހަވާލު ކޮށްފައެވެ.

ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ، 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަންދާޒީ ރިޕޯޓުތައް ބުނެއެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭއިރު، މިފަހަރުގެ ވިއްސާރައިގައި ޕާކިސްތާނަށް ރިކޯޑު އަދަދަކަށް ވާރޭ ވެހުނެވެ.