ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން މެންޗެސްޓާ ސިޓީ ބަލިވި މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ގަޔަށް ވަކި ލާރި އުކިކަމަށް އޭނާ ބުނެފިއެވެ.

މެޗަށްފަހު މީޑިއާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ރޭ ފޯޑެން ޖެހި ގޯލު ވީޑިއޯ އެސިސްޓެންޓް ރެފްރީ ބެލުމަށްފަހު އެ ގޯލު ބަލައިނުގަތުމަށް ރެފްރީ ނިންމި ހިސާބުން ލިވަޕޫލްގެ ސަޕޯޓަރުން އޭނާއާ ދިމާލަށް ވަކި ލާރި އުކިކަމަށެވެ.

"އެ މީހުން ވަކި ލާރި އުކި ނަމަވެސް އެ ލާރިތަކުން ނަސީބަކުން އަހަރެން ގައިގައި ނުޖެހޭ. ދެން އަންނަ ފަހަރަކުން އެއަށްވުރެ އެމީހުން ރަނގަޅުވާނެކަމަށް މި ބަލަނީ," ގާޑިއޯލާ ބުންޏެވެ.

ނަން ސިއްރުކުރުމަށް ފަހު ބީބީސީން އިނގިރޭސި ޕްރިމިއާ ލީގު ޓީމެއްގެ ސްޕޯކް ޕާސަންއާ ހަވާލާދީ ބުނެފައިވަނީ ރޭ ލިވަޕޫލްއާ ސިޓީ ބައްދަލުކުރި މެޗުގައި ސިޓީގެ އޮފިޝަލުންނާ ދިމާލަށް ސަޕޯޓަރުން ވަނީ އެއްޗިހި އުކާފައެވެ.

އެފަދަ މައްސަލަތަކަކީ ފުޓުބޯޅައިގެ ރޫހާ މުޅިން ޚިލާފު ކަންތައްތައްކަމަށާއި، އެފަދަ ކަންކަމަކީ ފުޓުބޯޅައިގައި އެއްގޮތަކަށް ވެސް ބަލައިގަނެވޭނެކަމަށް ނޫންކަމަށް ސްޕޯކް ޕާސަން ބުންޏެވެ.

އެ މައްސަލައަކީ ރަސްމީކޮށް ބަލާނެ މައްސަލައެއްކަމަށާއި، ސީސީޓީވީ ފުޓޭޖުތައް ބަލައިގެން އެ މައްސަލަ ތަހުގީގުކޮށް އެގޮތަށް އަމަލުކުރި މީހުންނަށް އަދަބު ދޭނެކަމަށް އޭނާ ބުންޏެވެ.

އެ މައްސަލަ ލިވަޕޫލުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

މިފަހަކަށް އައިސް ފުޓުބޯޅަ މެޗުތައް ބަލަން އަންނަ ސަޕޯޓަރުންގެ އަޚްލާގީ ފެންވަރާ ހެދި ގިނަ ކުޅުންތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތުން އާއިލާގެ މެންބަރުން ދަނޑަށް ގެންދަން ޖެހިލުންވާކަމަށް ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ޑަޔާ ވަނީ ބުނެފައެވެ.

"އަހަންނަށް ސަޕޯޓަރުންގެ ފަރާތުން ފެންނަ ކުޅިވަރުގެ ރޫހާ ޚިލާފު ކަންތައްތަކަކީ މައްސަލައެއް. ޗެލްސީ މެޗުގައި އަހަރެންގެ އާއިލާއާއި ރައްޓެހިން ތިބި އިރު އެމީހުންނަށް އެކަމުގެ އުނދަގޫތައް ކުރިމަތިވި،" ޑަޔާ ބުންޏެވެ.