03 Apr 2012, 20:53
ރާއްޖޭގެ ކުރިމަގަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭ ކަމަށް އިންޑިޔާ ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސޮމަދު އަބްދުﷲ އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންލުންނާއެކު ވަކިވަކިން ބޭއްވެވި ބައްދަލުވުންތަކުގައި އިންޑިޔާ ސަރުކާރުން ޔަގީން ކޮށްދީފައި ވަނީ ރާއްޖޭގެ ކުރިމަގަށް އިންޑިޔާއިން ކޮށްދެވެން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.
މިނިސްޓަރު ސޮމަދު އިންޑިޔާއަށް ވަޑައިގަތީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސްއެމް ކްރިޝްނާގެ ދައުވަތަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހު ޑރ. ސޮމަދު، އެސްއެމް ކްރިޝްނާއާ ބައްދަލު ކުރެއްވެވި ކަމަށާއި އެ ބައްދަލުވުމުގައި ރާއްޖޭގައި ފަށާފައިވާ އިގުތިސޯދީ އިޖުތިމާއީ އަދި މީހުން ބިނާ ކުރުމުގެ މަޝްރޫއުތައް ހުއްޓާ ނުލައްވާނެ މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާ ގުޅުން ހަރުދަނާ ކުރުމުގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ޑރ. ސަމަދު މިއަދު ވަނީ އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއެކު ވެސް ބައްދަލުވުމެއް ބާއްވަވާފަ އެވެ.