އަންނަ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ ދޫކޮށްލާ ވާހަކަ ދައްކާފައިނުވާނެކަމަށް އެ ޓީމުގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ ބުނީ އޭނާ ޓީމުގައި ހުރީ އުފަލުންކަމަށާއި، ޕީއެސްޖީ ދޫކޮށްލާކަމަށް ބުނެފައިނުވާނެކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބެންފިކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބައެއް މީޑިއާތަކުން ވަނީ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމަށް ހާމަކޮށްފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަމަށް ވެސް އެ މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް އެމްބާޕޭ ބުނީ އެގޮތަށް މީޑިއާތަކުގައި ވާހަކަ ދައުރުވަނީ ކީތްވެކަމެއް އޭނާއަށް ނޭނގޭކަމަށެވެ. އެހެން މީހުންނެކޭ އެއްގޮތަށް އެ ވާހަކަ އަޑުއިވުމުން އޭނާ ވެސް ހައިރާންވި ކަމަށް އެމްބާޕޭ ބުންޏެވެ.

"މީހުންނަށް ހީވަނީ އަހަރެން ޓީމު ދޫކޮށްލަން އުޅޭހެން، އެކަމަކު އަދި އަހަރެން ނޫޅެން ޓީމު ދޫކޮށްލާކަށް،" އެމްބާޕޭ ބުންޏެވެ.

ނިމިދިޔަ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލުމާ ވަރަށް ގާތަށް ވަނީ ޖެހިފައެވެ. ރެއާލްއަށް ބަދަލުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިއްބާ އޭނާ ވަނީ ބޮޑު މުސާރައަކަށް ޕީއެސްޖީގައި މަޑުކުރަން ނިންމައިފައެވެ.

އެކަމުގެ ސަބަބުން ރެއާލްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އެމްބާޕޭއަށް ފާޑުކިޔައިފައެވެ. ފައިސާގެ ދަހިވެތި ކަމުގައި ބޮޑު މުސާރަ ދޭން ނިންމުމުން އެ ޓީމުގައި މަޑު ކުރަން ނިންމީކަމަށް ރެއާލްގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

އެމްބާޕޭ ޕީއެސްޖީއާއެކު 2025އާ ހަމައަށް ހަދައިފައިވާ ކޮންޓްރެކްޓުގެ ދަށުން 435 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ސޮއި ބޯނަހެއްގެ ގޮތުގައި އޭނާއަށް 100 މިލިއަން ޔޫރޯ ވެސް ލިބޭނެއެވެ. އަދި 100 ޕަސެންޓު އިމޭޖްސް ރައިޓްސް ވެސް އޭނާއަށް ލިބޭނެއެވެ.