'އޫންޗާއީ' ފިލްމުން ފެނިގެންދާ އެންމެ ހަގު އެކްޓަރުގެ ގޮތުގައި ޕަރިނީތީ ޗޯޕްރާ ނަގާފައިވާކަން އިއުލާންކޮށް، އެ ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ.

އެ ފިލްމަކީ ސޫރަޖް ބަރްޖަތުޔާ ޑައިރެކްޓުކޮށް ރާޖްޝްރީ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ. އެ ފިލްމުގައި ކުރީގެ ގިނަ ތަރިންތަކެއް ބައިވެރިކޮށްފައިވާއިރު މިއީ އެ ތަރިންނާއެކު ޕަރިނީތީ ކުޅޭ ފުރަތަމަ ފިލްމެވެ. އެގޮތުން، އަމީތާބް ބައްޗަން އާއި އަނުޕަމް ކޭރް އާއި ނީނާ ގުޕްތާ އާއި ބޮމަން އިރާއީ އާއި ސަރިކާ އެ ފިލްމުން ފެންނާނެއެވެ.

އެ ފިލްމުގެ އާ ޕޯސްޓަރުން ޕަރިނީތީ ފެންނަނީ ފަރުބަދަތަކެއް މަތީ ހުންނަތަނެވެ. މީީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގައި ޕަރިނީތީ ކުޅެނީ ފަތުރުވެރިންނާއެކު ތަންތަނަށް ގޮސް، އެ ތަންތަނާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ގައިޑެއްގެ ރޯލެވެ.

އެ ޕޯސްޓަރާއެކު ގިނަ ބަޔަކު ދަނީ ޕަރިނީތީއަށް ތަރުހީބު ދެމުންނެވެ. އެގޮތުން، ބޮލީވުޑްގެ އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ، 80ގެ އަދި 90ގެ މަގުބޫލު ތަރިންނާއެކު ފިލްމެއް ކުޅެން ލިބުމަކީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މާދަމާ ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ނެރެނީ އަންނަ މަހު 11ވަނަ ދުވަހުއެވެ.

'އުންޗާއީ'ގެ އިތުރުން، އަނޫރާގް ބާސޫގެ 'ލައިފް އިން އަ މެޓްރޯ 2'ގެ މަސައްކަތްވެސް ޕަރިނީތީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ހިމެނެއެވެ. މި ފިލްމުގައި އޭނާ ފެންނާނީ ރާޖްކުމާރު ރާއޮއާ އެކުގައެވެ.