17 Oct 2022, 00:00
އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ފުލުހުން އަންހެނަކަށް އަނިޔާ ކުރި ކަމަށް ބުނެ ދައްކާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑީއޯއަކުން ފެންނަނީ އަންހެން ފުލުހުންތަކެއް ވެގެން ގަދަ ކަމުން އަންހެނަކު ޕޮލިސް ސްޓޭޝަނުން ނެރޭތަނެވެ. އެވަގުތު އެ އަންހެން މީހާ ގަދަ ދަށްކައި އަޑުގަދަ ކުރެއެވެ.
އެކަން ހިނގިގޮތް ހާމަ ކުރުމަށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގައި ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވެގެން ހުރި ކަމަށް ޝައްކު ކުރެވޭ 37 އަހަރުގެ ފިރިހެނެއް މަގުމަތިން ފެނިގެން ފުލުހުން އޭނާއާ ސުވާލު ކުރި ކަމަށެވެ.
އެ ވަގުތު 35 އަހަރުގެ އަންހެނަކު ޝައްކު ކުރެވޭ މީހާއާއި ފުލުހުންގެ ދެމެދަށް ވަދެ، ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"އަދި އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އެ އަންހެން މީހާ ވަނީ އިތުރު އަންހެނަކާއެކު އެ ޕޮލިސް ސްޓޭޝަނަށް ވަދެ، އެ ފިރިހެން މީހާ ދޫކޮށްލުމަށް ކަމަށް ބުނެ އަޑުގަދަކޮށް ޕޮލިސް ސްޓޭޝަން ތެރޭގައި މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގާފައި،" ފުލުހުންގެ ބަޔާނުގައިވެއެވެ.
އެ އަމަލު ހުއްޓައި ޕޮލިސް ސްޓޭޝަންގެ ތެރެއިން ނުކުތުމަށް އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރު ކުރި ކަމަށާއި އެހެންވެ ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެ މީހުން ސްޓޭޝަންގެ ތެރެއިން ނެރުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހުން ނެރުމަށް މަސައްކަތް ކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވޭ. މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ފުލުހުން އަމަލު ކުރިގޮތް ވެސް ބަލަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.