އިންޑިއާއިން އެގައުމުގެ އެކި ހިސާބުތަކުގައި އިއްޔެ 75 ޑިޖިޓަލް ބޭންކިން ޔުނިޓްތައް ހުޅުވައިފިއެވެ.

އިންޓަނެޓް ނުލިބޭ މީހުންނަށް ބޭންކިން ޚިދުމަތް އޮންލައިންކޮށް ހޯދުމުގެ ފުރުސަތު ދިނުމަށާއި އެ ޚިދުމަތަށް މީހުން އަހުލުވެރި ކުރުމަށް އެ ޔުނިޓްތައް އުފައްދާފައި ވަނީ 20އަށް ވުރެ ގިނަ ޕަބްލިކް އަދި ޕްރައިވެޓް ބޭންކާ ގުޅިގެންނެވެ.

އެ ޔުނިޓްތަކުގައި އިންޓަނެޓްގެ ޚިދުމަތާއެކު ޓެބްލެޓް ފަދަ ވަސީލަތްތައް ހުރެއެވެ. އަދި އެ ވަސީލަތްތައް މެދުވެރިކޮށް އާންމު ރައްޔިތުންނަށާއި ކުދި ވިޔަފާރިތަކަށް ސޭވިންސް އެކައުންޓު ހުޅުވުމަށާއި ސަރުކާރުގެ ބޭންކިން ސްކީމްތަކަށް އެދުމަށާއި ލޯނާއި އިންޝޫރެންސްގެ މައުލޫމާތުތައް ބަލައި، ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.

އިންޑިއާގެ ހުރިހާ ސްޓޭޓްތަކަކާއި ޔޫނިއަން ޓެރިޓަރީތަކެއްގައި ވެސް އެ ޔުނިޓުތައް މިހާރު ހުޅުވާފައިވާ އިރު އެ ޔުނިޓުތަކުން ދެ ގޮތަކަށް ހިދުމަތް ދޭނެ އެވެ. އެއް ގޮތަކީ އިތުރު އެހީއަކާ ނުލައި އަމިއްލައަށް ޚިދުމަތް ހޯދުން ނުވަތަ ސެލްފް ސާވިސްއެވެ. އެ ޚިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބެން ހުންނާނެވެ. އަނެއް ގޮތަކީ 'ޑިޖިޓަލް އެސިސްޓެންސް ޒޯން'ގައި ތިބޭ ބޭންކިން އޮފިޝަލުންގެ އެހީގައި ޚިދުމަތް ހޯދުމެވެ. އެ އޮފިޝަލުން ވަކިވަކި ފަރުދުންނާއި ކުދި ވިޔަފާރިތަކުން ކުރާ ސުވާލުތަކަށް ޖަވާބުދީ، ޝަކުވާތައް އަޑުއަހާނެ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރު ޝަކްތީކަންތާ ދާސް ވިދާޅުވިއެވެ.

އެ ޔުނިޓުތައް ހުޅުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ބޭންކިން ޚިދުމަތް ހޯދުމުގައި ކުދި އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް އާންމުކޮށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އިންޑިއާގައި ބިލިއަނަކަށް ވުރެ ގިނަ ބޭންކް އެކައުންޓް ހުރި ނަމަވެސް، ކުދި އަވަށްތަކުގައި ދިރިއުޅޭ މީހުން ބޭންކިން ޚިދުމަތްތައް ހޯދަން ދާން ޖެހެނީ ޗުއްޓީ ނަގައިގެން، އެންމެ ކައިރީގައި އޮންނަ ސިޓީއަކަށް ކަމަށް މޯދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދީފައި މިވަނީ ބޭންކިންގެ ޚިދުމަތް ހުރިހާ އެންމެންނަށް ފޯރާނެ ގޮތް ހެދުމަށް. އަޅުގަނޑުމެން ހަމައެކަނި ޖިސްމާނީ ދުރުމިން ނައްތާލީކީ ނޫން، އެންމެ މުހިންމު ކަމަކީ ނަފްސާނީ ދުރުމިންވެސް ނައްތާލުން،" މޯދީ ވިދާޅުވިއެވެ.

ޑިޖިޓަލް ބޭންކިން ޔުނިޓްތައް ހުޅުވުމަކީ އިންޑިއާގެ ޒަމާނީ ސަރަހައްދުތަކާ ދުރުގައި ދިރިއުޅޭ މީހުންނަށް ބޭންކުތަކުގެ ޚިދުމަތް ދިނުމަށް މޯދީގެ ސަރުކާރުން އަހަރުތަކެއް ވަންދެން ކުރަމުން އަންނަ މަސައްކަތްތަކެވެ. އެގޮތުން ބޭންކިން އަދި މާލީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް މޯދީގެ ސަރުކާރުން 2014 ވަނަ އަހަރު ތައާރަފުކުރި ސްކީމްގެ ދަށުން މިހާތަނަށް 470 މިލިއަނަށް ވުރެ ގިނަ ބޭންކް އެކައުންޓް ވަނީ ހުޅުވައިފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވަނީ ދާދި ފަހުން އިންޑިއާގެ ޑިޖިޓަލް ބޭންކިން އިންފްރާސްޓްރަކްޗާއަށް ތައުރީފުކޮށްފައިކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ތައުރީފު ހައްގު ވަނީ އާ ޓެކްނޮލޮޖީތައް އަމިއްލަ ދިރިއުޅުމުގެ ބަޔަކަށް ހަދާފައިވާ އިންޑިއާގެ ފަގީރުންނާއި ދަނޑުވެރިންނާއި ލޭބަރުންނަށް ކަމަށް އައިއެމްއެފް އިން ބުންޏެވެ.