އެޕަލްއިން ދާދި ފަހުން ނެރުނު އައިފޯން 14 ޕްލަސްއަށް ގިނަ ބަޔަކު ހީކުރި ވަރަށް ތަރުހީބު ނުލިބި، އެ ފޯނުގެ ވިޔަފާރި ދަށްވަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި މަޝްހޫރު ވެބްސައިޓެއް ކަމަށްވާ، ޑިޖިޓައިމްސް އިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުގައި އައިފޯން 14 އާއި އައިފޯން 14 ޕްލަސްއަށް މާކެޓްގައި މާ ބޮޑު ތަރުހީބެއް ނުލިބުނަސް، އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސްގެ ވިޔަފާރި ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ޑިޖިޓައިމްސްއާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނި ކަމަށް އެ ރިޕޯޓުގައި ވަނީ، މި އަހަރު ނެރުނު ޕްރޯ ފޯނުތަކާއި ޕްރޯ ނޫން އައިފޯން މޮޑެލްތަކުގެ ވިޔަފާރި ތަފާތުވި ނަމަވެސް، ޖުމްލަކޮށް އައިފޯނު 14 މޮޑެލް ޝިޕްމަންޓްތައް 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިފޯން 13 ލައިނަޕް ޝިޕްމަންޓްތަކާ ގާތްގަނޑަކަށް އެއްވަރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އައިފޯން 14 އާއި އައިފޯން 14 ޕްލަސްގެ ވިޔަފާރި މިހާރު ހުރި ރޭޓްގައި ދަށްކޮށް ހުރެ ދުވަސްތައް ފާއިތުވަމުން ދާނަމަ އެ ފޯންތައް ހެދުމަށް ބޭނުންވާ ބައިތައް އޯޑަރު ކުރުން އެޕަލްއިން މި މަހުގެ ފަހުކޮޅު ހުއްޓާލާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެޕަލްއިން ކުރިން ހީކުރި ވަރަށް ވުރެ ގިނައިން ޕާޓްސް އޯޑަރުތައް ކެންސަލް ކުރަންޖެހިއްޖެ ނަމަ، އަހަރު ނިމޭއިރު އައިފޯން 14 ސީރީޒްގެ ޖުމްލަ ޝިޕްމަންޓްތައް މިދިޔަ އަހަރު އެ މުއްދަތުގައި އައިފޯން 13 ސީރީޒްގެ ވިޔަފާރިއަށް ވުރެ މަދުވާނެ ކަމަށް ރިޕޯޓުގައިވެއެވެ.

އައިފޯން 14 ލިބެން ހުންނަނީ މިޑްނައިޓް، ބްލޫ، ސްޓާލައިޓް، ޕާޕަލް، އަދި (ޕްރޮޑަކްޓް) ރެޑް ކުލަތަކުންނެވެ. އަދި ފޯނުގެ ސްޓޯރޭޖު ސައިޒަށް 128ޖީބީ ނުވަތަ 256ޖީބީ ނުވަތަ 512ޖީބީ ޚިޔާރު ކުރެވިދާނެއެވެ.