16 Oct 2022, 21:28
ލީޑްސް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލްގެ އެއް ވަނަ މަޤާމުގައި އާސެނަލް ހަމަޖެހިލައިފިއެވެ.
އެލަންޑް ރޯޑުގައި މިރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗު އާސެނަލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަސް ކާމިޔާބުކޮށްދިނީ، 35 ވަނަ މިނެޓް ތެރޭގައި ބުކާޔޯ ސާކާއެވެ.
ސާކާ ވަނީ އާސެނަލް އެންމެފަހުން ކުޅުނު 2 މެޗުގައި ވެސް ލަނޑުޖަހާފައެވެ. އެގޮތުން ޕްރިމިއާ ލީގްގައި އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅުވި ލަނޑު ކާމިޔާބުކުރިއިރު، އާސެނަލް އެންމެފަހުން ޔޫރޮޕާލީގްގައި ބޯޑޯ ގްލިމްޓާ ދެކޮޅަށް ކުޅުނުމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީވެސް ސާކާއެވެ.
މިރޭގެ މެޗަށް ނިކުތުމުގެ ކުރިންވެސް އާސެނަލް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.
ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ނިކުތްއިރު އެޓީމަށް ލިބިފައިއޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މޮޅުވުމުގެ ރޭޓެވެ. އާސެނަލް އެންމެފަހުން ކުޅުނު ހަ މެޗުން މޮޅުވެފައިވާއިރު، މި ސީޒަނުގައި އެޓީމު އަންނަނީ ޕްރިމިއާ ލީގްގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިރޭ ލީޑްސް އަތުން ލިބުނު މޮޅާއެކު ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު، އާސެނަލަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ދެވަނައިގަ އުޅޭ މެންޗެސްޓަރ ސިޓީއަށް 24 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގަ އުޅޭ ޓޮޓެންހަމް ހޮޓްސްޕާއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.