03 Apr 2012, 20:32
ގާނޫނާއި އެއްގޮތަށް ކައުންސިލްތަކަށް ލިބެންޖެހޭ ވަސީލަތްތައް ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖޭއޭ) އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
އެލްޖީއޭ އުފެއްދުމަށް ފަހު ހަތް މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި އެ ބޯޑްގެ މެންބަރު އަހުމަދު ފައިސަލް ވިދާޅުވީ އެލްޖީއޭއިން މިހާރު ކުރާ މަސައްކަތަކީ ލާމަރުކަޒީ ގާނޫނޫގެ ދަށުން ގެނެސްދީފައިވާ ނިޒާމް ތަރައްގީކޮށް ތަންފީޒުކޮށް އެ ނިޒާމް ފުރިހަމަގޮތުގައި ދެމިއޮންނާނެ ގޮތަކަށް ބައްޓަންކުރުން ކަމަށަެވެ.
އޭނާ ވިދާޅުވީ ކުރިން އޮތް ނިޒާމަކުން އާ ނިޒާމަކަށް ބަދަލުވާއިރު އެކަން ތަޖުރިބަ ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށާއި ދަތި އުނދަގޫތައް ކުރިމަތި ވީނަމަވެސް އެ އޮތޯރިޓީން މަސައްކަތްކުރަނީ ލާމަރުކަޒީ ގާނޫނޫގައި ބުނެފައިވާ ގޮތަށް އެންމެ ފުރިހަމަގޮތުގައި ކައުންސިލްތަކުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދޭން ކަމަށެވެ.
"ގާނޫނޫގެ ރޫހުން ކިތައްމެ ކަމެއް ސާފްކޮށް ފެންނަން އޮތްނަމަވެސް ގަވަރުމެންޓް ސިސްޓަމެއް އައިސް އެ ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ހިނގައިގަތުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އަދި މިއަދާއި ހަމައަށް އައި އިރުވެސް އަޅުގަނޑުމެންނަށް ފުރިހަމައެއް ނުވޭ.އެއީ އެކަމުގައި އެންމެންވެސް ޒިންމާ ދާރުކަމާއި އެކު ކުރަން ޖެހޭ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ވަސީލަތްތަކާއި ކައުންސިލްތަކަށް ޓްރާންސްފާ ކުރަން ޖެހޭ އެހެން ވަސީލަތްތައްވެސް ވީއެންމެ އަވަހަކަށް ކައުންސިލްތަކަށް ޓްރާންސަފާ ކޮށްދޭން ބޭނުންވާ ކަމަށެވެ.
"ގާނޫނޫގައި ބުނެފައިވާ ފަދައިން ކައުންސިލްތަކުގެ ދައުރު ވަރަށް ރަނގަޅަށް ހަދާންކޮށް ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ކައުންސިލްތަކުން ދިނުމަށް ވެސް އެލްޖީއޭއިން ކައުންސިލްތަކަށް އިލްތިމާސްކުރަން،" ފައިސަލް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނުނޫގައި ބުނެފައިވަނީ ކައުންސިލްތަކުގެ މަސައްކަތާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި ކައުންސިލްތަކުގެ މަސަކަތް ވިލަރެސްކުރާނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ކަމަށެވެ.