17 Oct 2022, 12:48
މަޝްހޫރު ޒުވާން އެކްޓަރު ޒެންޑާޔާގެ ބައްޕަ އަބަދުވެސް ބޭނުންވި "ޑްރީމް ހައުސް" އޭނާ 1.9 މިލިއަން ޑޮލަރަށް ބައްޕައަށް ގަނެދީފިއެވެ.
އެޗްބީއޯގެ ޔޫފޯރިއާ ސީރީޒްގައި މުޅިން ތަފާތު ރޯލެއް ކުޅެމުން އަންނަ 25 އަހަރުގެ ޒެންޑާޔާގެ އަމިއްލަ ގިނަ ގެތައް ހުރި ނަމަވެސް އޭނާ އާންމުކޮށް އުޅެމުން އަންނަނީ އޭނާގެ މަންމަ ނުވަތަ ބައްޕަ ގާތުގައެވެ.

ޒެންޑާޔާ އެނާގެ ބައްޕައަށް ގަނެދިން ގެ -- ފޮޓޯ/ ރޯޑިއޯ ރެއަލްޓީ
އެ ދެ މީހުން ވަރިވި ނަމަވެސް ޒެންޑާޔާ އޭނާގެ މަންމާ އާއި ބައްޕައާ ވަރަށް ގާތެވެ. އެގޮތުން ދާދި ފަހުން އޭނާ ވަނީ އޭނާގެ ބައްޕަ އެންމެ ބޭނުންވި ގެ ގަނެދީފައެވެ.
އެމެރިކާގައި އެންމެ އަގުބޮޑު އަދި އެންމެ ވާދަވެރި ރެއަލް އެސްޓޭޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ ލޮސް އެންޖެލެސްގެ ބޭރުން، ސެން ފާނެންޑޯ ވެލީގައި ހުންނަ އެ ގެއަކީ 1990ގައި އިމާރާތްކުރި ގެއެކެވެ. އެންމެފަހުން އެ ގެ ވިއްކާފައި ވަނީ 2008 ވަނަ އަހަރުގައެވެ. އެ އަހަރު އެ ގެ ވިއްކާލީ 1.1 މިލިއަން ޑޮލަރަށެވެ.

ޒެންޑާޔާ އެނާގެ ބައްޕައަށް ގަނެދިން ގޭގައި ޕޫލެއް އޮވޭ -- ފޮޓޯ/ ރޯޑިއޯ ރެއަލްޓީ
ޒެންޑާޔާގެ ބައްޕަ ކަޒަމްބޭ އަޖަމޫ ކޯލްމަން އަށް ގަނެދިން އެ ގެއަކީ 3،400 އަކަފޫޓުގެ ގެއެކެވެ. ދެ ފަންގިފިލާ ހުންނަ އެ ގޭގައި ފަސް ކޮޓަރިއާއި ފަސް ފާހާނާ ހުރެއެވެ. ކާ ކޮޓަރިއަކާއި ބޭރުގައި ބޮޑު ވިނަގަނޑެއް އޮންނަ އެ ގޭގައި ސްވިމިން ޕޫލެއް ވެސް އޮވެއެވެ.
ޒެންޑާޔާ ދާދި ފަހުން އޭނާގެ ބައްޕައަށް ގެއެއް ގަނެދިން އިރު އޭނާގެ އެކި ގެތައް އެމެރިކާގެ އެކި ހިސާބުގައި ހުރެއެވެ. އޭނާ އެންމެ ފުރަތަމަ ގެއެއް ގަނެފައިވަނީ ލޮސް އެންޖެލެސްއިންނެވެ. އޭނާ އެންމެ އަގު ބޮޑުކޮށް ގަނެފައިވަނީ ލޮސް އެންޖެލެސްގެ އެންސީނޯގައި ހުރި ގެއެކެވެ. އެ ގެ އޭނާ ގަނެފައިވަނީ ހަތަރު މިލިއަން ޑޮލަރަށެވެ.

ޒެންޑާޔާ އެނާގެ ބައްޕައަށް ގަނެދިން ގޭގައި ފަސް ކޮޓަރި އާއި ފަސް ފާހާނާ ހުރޭ -- ފޮޓޯ/ ރޯޑިއޯ ރެއަލްޓީ
އެމެރިކާގެ ޓީވީ ޕްރޮޑަކްޝަންތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެމީ އެވޯޑްސްގައި 'ބެސްޓް އެކްޓްރެސް އިން އަ ޑްރާމާ ސީރީސް' އެވޯޑު ދެ ފަހަރު ހޯދި، އެންމެ ޒުވާން އެކްޓްރެސްއަކީ ޒެންޑާޔާއެވެ. އޭނާއަށް 2020ގަ އާއި މިއަހަރުވެސް އެ އެވޯޑް ލިބުނީ ޔޫފޯރިއާގައި އޭނާ ކުޅޭ ރޯލަށެވެ.