18 Oct 2022, 08:33
އިނގިރޭސިވިލާތުގެ ދެމަފިރިން އެމީހުންގެ ގޭގެ ބަދިގެ މަރާމާތު ކުރަން އުޅުމުގެ ތެރޭގައި ބިމު އަޑިން އަގުބޮޑު ރަން ފައިސާ ފޮތިތަކެއް ފެނިއްޖެއެވެ.
ބީބީސީން ރިޕޯޓު ކުރި ގޮތުގައި، ނަން ހާމަކޮށްފައި ނުވާ އިނގިރޭސިވިލާތުގެ ދެމަފިރިންނަށް ރަން ފައިސާ ފޮތިތަކެއް ފެނިފައި ވަނީ 2019 ވަނަ އަހަރު އެ މީހުން ބަދިގޭގެ ތަޅުންގަނޑު ތަޅާލުމުންނެވެ. އެ ފައިސާ ފޮތިތައް ފެނުނީ ކުޑަ ދަޅަކުން ކަމަށް ވެސް އެ ނޫހުގައިވެއެވެ.
އެ ދަޅުގައި 264 ރަން ފައިސާ ފޮތި އޮތެވެ. އެއީ 1610 އާއި 1727އާ ދެމެދުގައި ބޭނުންކުރި ފައިސާ ފޮތިތައް ކަމަށް ވަނީ ބެލެވިފައެވެ.
އެ ފައިސާ ފޮތިތައް ދާދި ފަހުން ވަނީ 842،330 އެމެރިކާ ޑޮލަރަށް ނީލަމެއްގައި ވިއްކާފައެވެ. އޭގެ ތެރެއިން އެންމެ އަގު ބޮޑުކޮށް ވިކުނު ފައިސާ ފޮތީގެ އަގު 69،710 ޑޮލަރަށް އެރިއެވެ.
އެ ރަން ފައިސާ ފޮތިތަކުގެ ނީލަން ކުރިއަށްގެންދިޔަ "ސްޕިންކް އެންޑް ސަން" ކުންފުނިން ބުނި ގޮތުގައި އެ ފައިސާ ފޮތިތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕުގެ އިތުރުން އޮސްޓްރޭލިއާ އަދި ޗައިނާ އާއި ޖަޕާނުގެ މީހުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.