"ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖް 2022" ގެ ބައެއް މެޗުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލަވައިލައްވައިފިއެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދެކެވެ.

މީގެ އެންމެބޮޑު ބޭނުމަކީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އެކިއެކި ފުރުސަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވައި ފުޅާކުރުމެވެ. މިއީ އެގޮތުން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަޤުވާމީ ފެންވަރުގެ ހަ ވަނަ މުބާރާތެވެ.

މި މުބާރާތަކީ ޔޫތް މިނިސްޓްރީއާއި އިންޓަރނޭޝަނަލް ވޮލީބޯލް ފެޑެރޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ މުބާރާތެކެވެ.

މި މުބާރާތުގެ މެޗްތައް ބައްލަވާލެއްވުމަށް ރައީސް މިއަދު ވަނީ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައެވެ.

މިމަހުގެ 13 އިން 16 އަށް ސަންއައިލެންޑް ރިޒޯޓްގައި ކުރިޔަށްދާ މި މުބާރާތުގައި 28 ޤައުމަކުން ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ވާދަކުރެއެވެ.