މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް އައިޖީއެމްއެޗުން ހާއްސަ ކޮށްފައިވާ "ހިޔަލަ" ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހިޔަލަ ވިންގުގެ ބަލި މީހުން އަރައިފޭބުމަށް ބޭނުންކުރާ ލިފްޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެ ވިންގުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހިޔަލަ ވިންގުގެ ޚިދުމަތްތައް ބަދަލުކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16، އަދި 17ވަނަ ފަންގިފިލާއަށެވެ.

އެ ވިންގުގެ ދެވަނަ ބުރިން ދެމުން ގެންދިޔަ އިމަޖެންސީ ހިދުމަތްތައް މިހާރު ލިބޭނީ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމެންޓުގެ އައިސޮލޭޝަން އޭރިއާއިން ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

ހިޔަލަ ވިންގުގައި އެޑްމިޓް ކުރަންޖެހޭ ބަލި މީހުން ދެން އެޑްމިޓް ކުރަން ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17ވަނަ ފަންގިފިލާގައެވެ.

އެ ވިންގުގެ ފުރަތަމަ ފަންގިފިލާއިން ދެމުން ގެންދިޔަ އޯޕީޑީގެ ހިދުމަތައް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ބަޔާނުގައިވާ ގޮތުން ކުރިއެކޭ އެއްގޮތަށް އެ ހިދުމަތް ލިބޭނެއެވެ. އަދި އެންއައިސީޔޫގެ ހިދުމަތްވެސް އެއްވެސް ބަދަލެއް ނެތި ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ލިބޭނެއެވެ.

އައިޖީއެމްއެޗް އިން ބުނި ގޮތުގައި އެ ބަދަލުތަކާއެކު، ބެޑްކެޕޭސިޓީ ދަށްވެ އެޑްމިޓް ކުރާ މީހުންގެ އަދަދު މަދުކުރެވުމުން ބައެއް ހިދުމަތްތައް ދިނުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން ދުރާލައި ތާވަލު ކޮށްފައިވާ ބައެއް ސާޖަރީތައް ވެސް މަޑުޖައްސައިލަން މިހާރު ވަނީ ނިންމައިފައެވެ.

އައިޖީއެމްއެޗްއިން ނެރުނު ބަޔާނުގައި ވަނީ ލިފްޓަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، މައްސަލަތައް ހައްލު ވީހާ އަވަހަކަށް އަލުން ހިދުމަތްތައް ހިޔަލަ ވިންގަށް ބަދަލު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.