ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ފަންނީ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ދެ ވަނަ ފިޔަވަހީގެ މަޝްރޫއު ފަށަން ބޭނުންވާ މަޝްވަރާތަކާއި، ފަންނީ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށެވެ. މި ގޮތަށް ނިންމީ ހުޅުމާލެ ތަރައްގީ ކުރުމާބެހޭ ކަރުދާހެއް ހައުސިން މިނިސްޓްރީން ހުށަހެޅުމުންނެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢަކީ މާލެ އާއި މާލެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް، އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށާއި ވެރިރަށް މާލޭގެ ތޮއްޖެހުން ކުޑަކުރަން އޮކްޓޫބަރު 16، 1997 ގައި ރައީސް މައުމޫންގެ ސަރުކާރުން ފެށި މެގަ ޕްރޮޖެކްޓެކެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މިދިއަ އަހަރު ޑިސެމްބަރު މަހު ނިންމާފައި ވަނީ މާލެއާއި ހުޅުލެއާ ދެމެދު ކަނޑު ހުރަސްކޮށް ބްރިޖް އެޅުމަށެވެ. އޭރު އެ ގޮތަށް ނިންމީ މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައި ދިނުމަށް ކަމަށް ބުނެ އެވެ. އެ މަޝްރޫޢަށް 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެ ކަމަށް ވެސް އޭރު ވަނީ ބުނެފަ އެވެ.

މީގެއިތުރުން ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) އާ ބެހޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު ސައިޓީސްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއެރުވިއެވެ. މި ކަމާ ބެހޭގޮތުން ކުރި މަޝްވަރާތަކުގައި ރާއްޖޭގެ އިޤްތިޞާދު، ދިރޭތަކެތީގެ ނަސްލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާތީ، ރާއްޖެއިން މި މުޢާހަދާގައި ބައިވެރިވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ ފާހަގަކުރެއްވިއެވެ.