މިއަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕް ފަށަން މަހަކަށް ވެފައިވަނިކޮށް އެނގިރޭސި ގައުމީ ޓީމުގެ ފުލްބެކް ރީސް ޖޭމްސްއަށް އަނިޔާވެ ވޯލްޑްކަޕްގައި އޭނާއަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

މިދިޔަ ހަފުތާފައި ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އޭސީ މިލާން ބަލިކުރި މެޗުގައި ޖޭމްސްއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް އޭރު ބެލެވިފައިވަނީ ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަކީ އެހާ ސީރިއަސް އަނިޔާއެއް ނޫންކަމަށެވެ. އަދި ވަރަށް އަވަހަށް އޭނާއަށް އަލުން ކުޅުމުގައި ބައިވެރި ވެވޭނެކަމަށެވެ.

ނަމަވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާތައް އިތުރަށް ބެލުމަށްފަހު ޗެލްސީން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭމްސްއަށް ކުޅުމުގައި ދެން ބައިވެރިވެވޭނީ އަށް ހަފުތާއަށް ފަހުކަމަށެވެ.

ވޯލްޑްކަޕް ފެށެން މިހާރު ފަސް ހަފުތާއަށް ވެފައިވާރު އޭނާ ވޯލްޑްކަޕަށް ފިޓު ނުވާނެކަމަށް މީޑިއާތަކުން ބުނެއެވެ.

ޖޭމްސް ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވަގުތު ކުޑަތަންވި ނަމަވެސް އޭނާ އެއްވެސް ގޮތަކަށް ހިތްވަރު އެލުވާ ނުލާނެކަމަށެވެ.

ޗެލްސީގެ މެނޭޖަރު ގްރަހަމް ޕޮޓާ ބުނީ ކުޅުންތެރިއަކަށް އަނިޔާވެ ވޯލްޑްކަޕް ގެއްލޭނަމަ އެ ކުޅުންތެރިއަކު ދެރަވާނެކަމަށެވެ. އެއީ އިންސާނުންކަމަށާއި، ކޮންމެ ކުޅުންތެރިއަކު ވެސް މަސައްކަތް ކުރާނީ ވޯލްޑްކަޕްގައި ކުޅެންކަމަށް ޕޮޓާ ބުންޏެވެ.

ޖޭމްސްއަކީ އިނގިރޭސި ގައުމީ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ކުޅޭ ކާނާއަތު ފުލްބެކަށް ކުޅޭ މޮޅު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބެއެވެ. އެގޮތުން ލިވަޕޫލްގެ އެލެކްސެންޑާ އާނޯލްޑާއި، މެންޗެސްޓާ ސިޓީގެ ކައިލް ވޯކާގެ އިތުރުން ނިއުކާސަލްގެ ކެވިން ޓްރެޕިއާ ހިމެނެއެވެ.

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރު އެންގޯލޯ ކަންޓޭއަށް ވެސް އަނިޔާވުމުން އޭނާއަށް ވޯލްޑްކަޕްގައި ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ގިނަ މީޑިއާތަކަކުން ވަނީ ކަންޓޭ ވޯލްޑުކަޕަށް ފިޓު ނުވާނެކަމަށް ލަފާކޮށްފައެވެ.