16 Oct 2022, 14:37
ލަންޑަން (16 އޮކްޓޯބަރު 2022): އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސްގެ އިގްތިސާދީ ސިޔާސަތު ފޭލްވެ އެކަމަނާ މަގާމުން ދުރުކުރަން ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުން ސީރިއަސް ކަމާއެކު ވިސްނަމުންދާކަމަށް އެޕާޓީގެ މަސްދަރަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ލަންޑަންގައި ނުކުންނަ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ގާޑިއަން" ބުނާގޮތުން ލިޒް ޓްރަސްގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން އިނގިރޭސިވިލާތުގެ ފައިސާކަމަށްވާ ސްޓާލިން ޕައުންޑްގެ އަގާއި ހިއްސާގެ ބާޒާރުގައި އިނގިރޭސި ކުންފުނިތަކުގެ ހިއްސާގެ އަގުތައް އާދަޔާ ޚިލާފަށް ދަށަށް ދިޔުމާއި އިންފްލޭޝަން މަތިވެ އިގްތިސާދު ރިސެސްއަކަށްދާތީ ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ހައުސް އޮފް ކޮމަންސްގެ ސީނިއާ ލީޑަރުން ވަނީ ލިޒް މަގާމުން ދުރުކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފައެވެ.
މި ބައްދަލުވުން މި ހަފުތާގައި ބާއްވަން ނިންމާފައިވާއިރު މަގާމުން ދުރުނުކުރަނީސް އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ލިޒްއަށް ފާޅުގައި ގޮވާލުމަށް ވެސް ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ހައުސް އޮފް ކޮމަންސްގެ ބައެއް ސީނިއާ ލީޑަރުން މިހާރު ބޭނުންވެއެވެ.
އެތައް ފަޟީހަތްތަކަކާ ގުޅިގެން ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވުމުން ލިޒް ޓްރަސް، އިނގިރޭސި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ލިޒްގެ ވެރިކަމަށް އަދި ދޮޅުމަސްވެސް ނުވާއިރު އެކަމަނާގެ ސަބަބުން ކޮންޒަވެޓިވް ޕާޓީގެ މަގުބޫލުކަން އިނގިރޭސިވިލާތުގެ އާންމުންގެ މެދުގައިވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އިނގިރޭސިވިލާތުގައި ދާދިފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ހާމަވިގޮތުގައި އިނގިރޭސި އިދިކޮޅު ޕާޓީކަމަށްވާ ލޭބާ ޕާޓީވަނީ ވެރިކަންކުރާ ކޮންޒެވެޓިވް ޕާޓީގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި ސާވޭއަށް ބަލާއިރު އިނގިރޭސި އާންމުންގެ މެދުގައި މިހާރު އެންމެ މަގްބޫލު ޕާޓީއަކީ އިދިކޮޅު ލޭބާ ޕާޓީއެވެ. މިހާލަތުގައި އާންމު އިންތިޚާބަކަށް ގޮސްފިނަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުން އިހުސާސު ކުރައްވާކަމަށް "ދަ ގާޑިއަން" ނޫސް ބުނެއެވެ.
އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސްގެ އިގްތިސާދީ ސިޔާސަތު ބިނާކޮށްފައިވަނީ މުއްސަނދީން (ލޯކަލް އިންވެސްޓަރުން)ގެ އަތުން ނަގާ ޓެކްސްތައް ކުޑަކޮށްގެން އިގްތިސާދު ސްޓިމިއުލޭޓް ކުރުމުގެ މައްޗަށެވެ. މިގޮތަށް އިގްތިސާދު ސްޓިމިއުލޭޓްވުމުން އިނގިރޭސި މާލިއްޔަތަށް ލިބޭ އާމްދަނީ ބޮޑުވާނެކަމަށް އަންދާޒާ ކޮށްގެންނެވެ. މިއީ އިނގިރޭސިވިލާތުގެ އިގްތިސާދު އަޑިއަޅާލާއިރު މީގެކުރިން ކާމިޔާބުވެފައިވާ ސިޔާސަތެކެވެ.
ނަމަވެސް މިހާރު އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ އަވަސް ހައްލެއް ގެންނަންޖެހޭ މައްސަލަތަކެއްކަމުން މިސިޔާސަތުން އަވަސް ފައިދާ ނެރޭވޭ ގޮތް ވަނީ ނުވެފައެވެ.
އިގްތިސާދީ ސިޔާސަތު ފޭލްވުމުން ލިޒް ޓްރަސް ވަނީ އެކަމަނާގެ ސަރުކާރުގެ މާލީ ވަޒީރު (ޗާންސެލާ އޮފް އެކްސްޗެކާ) ކުވާސީ ކުވާންޓެންގް މަގާމުން ދުރުކުރައްވައި އެމަގާމަށް ސިއްހަތާބެހޭ ވަޒީރު ޖެރިމީ ހަންޓް އައްޔަން ކުރައްވާފައެވެ. ނަމަވެސް މިއީ މައްސަލައަށް އެއްވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމެއްކަމަށް ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުން ދެކެވަޑައިނުގަންނަވައެވެ.
މިހާރު އިނގިރޭސި އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ކޮވިޑާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއި ރަޝިއާގެ ބާޒާރު ގެއްލުމާއި ބްރެކްސިޓްގެ ސަބަބުން ޔޫރަޕްގެ ބާޒާރުވެސް އިނގިރޭސިވިލާތަށް ގެއްލިގެން ދިޔުންފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.
ރަޝިއާގެ އިގްތިސާދު ގެއްލުނީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތް އަމިއްލައަށް ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އިނގިރޭސި ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް ކުރިން ރަޝިއާއަކީ ވަރަށް ރަނގަޅު ބާޒާރެކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާގެ ބާޒާރު ގެއްލި އިނގިރޭސި އެތައް ކުންފުންޏެއް ރަޝިއާއިން ނުކުމެފައިވާއިރު އޭގެތެރެއިން ގިނަ ކުންފުނިތައް މިހާރުވަނީ ބަނގުރޫޓު ވެފައެވެ. އިނގިރޭސި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ބޮޑުބައެއް ނުވިކި މިހާރު ދަނީ ހަލާކުވަމުންނެވެ.
އިގްތިސާދީ މައްސަލަތަކާ ގުޅިގެން އިނގިރޭސިވިލާތުގައި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އާންމުންވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
ތެޔޮ އަގުބޮޑުވުމުގެ މައްސަލަވެސް ކުރިމަތިވީ އިނގިރޭސިވިލާތް ހިމެނޭގޮތަށް އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ތެލުގެ އަގުބޮޑުވުމުން އިނގިރޭސިވިލާތުގެ މެދުފަންތީގެ ގިނަ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތުވަނީ ފަގީރުންގެ ފަންތިއަށް ވެއްޓިފައެވެ.