03 Apr 2012, 18:01
އަރަބިއްޔާ ސްކޫލްގެ ޓީޗަރުންނަށާއި މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ ލިބުން ލަސްވުމާ ގުޅިގެން އެ ސްކޫލްގެ މެންދުރު ފަހުގެ ދަންފަޅީގެ ޓީޗަރުން ފުރަތަމަ ގަޑީގެ މަސައްކަތް ހުއްޓާލާލުމަށްފަހު އިހުތިޖާޖްކޮށްފި އެވެ.
އަރަބިއްޔާ ސްކޫލްގައި ގްރޭޑް 1،2،3،4، އަދި 6 ގެ ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަ މެންދުރު ފަހު ދަންފަޅީގެ ޓީޗަރުން މުސާރައިގެ މައްސަލައިގައި މިއަދު މެންދުރު ފަހު އިހުތިޖާޖްކުރީ އެމީހުންގެ މުސާރަ ލިބެންދެއް ކިޔަވައިދޭން ނުފަށާނެ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި މުސާރަ ޖަމާވާނެ ކަމަށް ސްކޫލްގެ ޕްރިންސިޕަލް އެންގެވުމާ ގުޅިގެން ޓީޗަރުންތައް ވަނީ އަލުން ކްލާސްތަކަށް ވަޑައިގެންފަ އެވެ.
މިއަދުގެ އިހުތިޖާޖްގައި ބައިވެރިވި އަރަބިއްޔާގެ ޓީޗަރެއް ކަމަށްވާ އައިމިނަތު ނިޒާރު ވިދާޅުވީ މެންދުރު ފަހު ދަންފަޅީގެ ގާތްގަނޑަކަށް ވިއްސަކަށް ޓީޗަރުން އިހުތިޖާޖްގައި ބައިވެރިވި ކަމަށާއި ޓީޗަރުންގެ ކަންބޮޑުވުމަކީ މަސް ނިމޭއިރު ވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް އެސްކޫލްގެ ޓީޗަރުންނަށް މުސާރަ ނުލިބުމުން ދަތިތަކާ ކުރިމަތިލާން ޖެހޭތީ ކަމަށެވެ. މިކަމަކީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެއް ކަމަށް ވެސް އޭނާ ބުންޏެވެ.
" ގިނަ ޓީޗަރުންނަކީ ކުލި ދައްކައިގެން އުޅޭ ޓީޗަރުން. ބައެއް ތަންތަނުން ކުލި އެބަނަގާ މަހުގެ 1، 2، ނޫނީ ތިނެއް ހިސާބުގައި. އަނެއް ކޮޅުން ގިނައީ ކިޔަވާ ޓީޗަރުން. އެހެންވެ މުސާރަ ނުލިބުނީމަ ވަރަށް ގިނަ ދަތިތަކާ ޗީޗަރުންނަށް ކުރިމަތިވޭ،" އަރަބިއްޔާގެ ޓީޗަރަކު ބުންޏެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އަރަބިއްޔާގެ ޓީޗަރުންގެ އިތުރުން އެ ސްކޫލްގެ މުވައްޒަފުންގެ މުސާރަ ވެސް ޖަމާވެފައިވަނީ މިއަދުގެ ހަވީރު ކަމަށެވެ. އަދި މުސާރައިގެ މައްސަލަތައް ދިމާވެގެން އުޅެނީ ބަޖެޓްގެ މަސައްކަތްތައް ކުރަން ތިބޭ މުވައްޒަފުން ޒަމާނީ ވަސީލަތްތަކަށް އަދި އެހާ ފަރިތަނުވުމުން ކަމަށެވެ. ނަމަވެސް މިފަހަރު ދިމާވި މައްސަލައަކީ ބަޖެޓްގެ ކަންތައްތައް ބަލަހައްޓަން ތިބޭ ތިން މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކު ބަލިވެގެން ސަލާމުގައި ހުރުމާއި ބާކީ ހުރި މުވައްޒަފު އެކަނި އެމަސައްކަތް ކުރަން ޖެހުމުން ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
"އާ ސިސްޓަމަށް މުވައްޒަފުން މުޅިން ފަރިތަނުވާތީ މައްސަލަތައް މިނުކުންނަނީ. ނަމަވެސް މިފަހަރު މިމައްސަލަ ދިމާވީ ތިން މީހުންގެ މަސައްކަތް އެކަކު އެކަނި މާއެކަނި ކުރަންޖެހުމުން. މިއަދު ހަވީރު ހުރިހާ މުވައްޒަފުންނަށް ވެސް ވަނީ މުސާރަ ޖަމާވެފައި، މައްސަލަތައް ހައްލުކުރަން ސްކޫލުން މިގެންދަނީ މަސައްކަތް ކުރަމުން" ރަޝީދު ވިދާޅުވި އެވެ.