ވޯލްޑްކަޕް ފެށެން މަހަކާ ގާތްވެފައިވަނިކޮށް ބްރެޒިލްގެ ފޯވާޑް ރިޗާލިސަންއަށްް އަނިޔާވެއްޖެއެވެ.

ރޭ ޓޮޓެންހަމްއާ އެވެޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ރިޗާލިސަންއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާ ރޮމުން ދަނޑުން ފައިބައިގެން ދިޔަ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

އެ މެޗަށްފަހު އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި ރޮމުން ރިޗާލިސަން ބުނީ ވޯލްޑުކަޕް ކުޅުމަކީ އޭނާގެ އެންމެ ބޮޑު އެެއް ހުވަފެންކަމަށެވެ. އެހެންކަމުން މިހާރު އެ ހުވަފެން ހަގީގަތަަކަށް ވާން ވަރަށް ކައިރި ވެފައިވަނިކޮށް އަނިޔާވުމުން ވަރަށް ދެރަވާކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެވަޓަންއަށް ކުޅުނުއިރު ވެސް ހަމަ މިކަހަލަ އަނިޔާއެއްވި. އެފަހަރު ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު،" ރިޗާލިސަން ބުންޏެވެ.

ރިޗާލިސަންގެ އުންމީދަކީ އެ އަނިޔާއިން ވަރަށް އަވަހަށް ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް ނިކުމެވުމެވެ.

ރިޗާލިސަންއަށް އަނިޔާވެ ދަނޑުން ފައިބަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

އެ މެޗަށްފަހު މީޑީއާއާ ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ރިޗާލިސަންގެ އަނިޔާއަކީ އެހާ ސީރިއަސް އަނިޔާއަކަށް ނުވާނެކަމަށް އުންމީދުކުރާކަމަށެވެ.

މިއަދު އަނިޔާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ޓެސްޓުތަކަކާއި އެމްއާރްއައިއެއް ހަދާނެކަމަށް ކޮންޓޭ ބުންޏެވެ.

"އަދި ނޭނގޭ އަނިޔާއާ ބެހޭގޮތުން އެއްޗެކޭ ބުނާކަށް އުންމީދުކުރަނީ އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫކަމަށް،" ކޮންޓޭ ބުންޏެވެ.

ވޯލްޑްކަޕާ ގާތްވެފައިވަނިކޮށް ފްރާންސްގެ އިތުބާރު މިޑްފީލްޑަރު އެންގޯލޯ ކަންޓޭގެ އިތުރުން ޕައުލް ޕޮގްބާއަށް ވެސް ވަނީ އަނިޔާވެފައެވެ. ކަންޓޭއަށް މިދިޔަ ހަފުތާގައި އަނިޔާވެފައިވާއިރު ފުޓުބޯޅަ ދިރާސާކުރާ ގިނަ ބަޔަކު ވަނީ އޭނާއަށް މި އަހަރުގެ ވޯލްޑްކަޕް ނުކުޅެވޭނެކަމަށް ބުނެފައެވެ. ނަމަވެސް މީގެ މަހެއް ކުރިން އަނިޔާވި ނަމަވެސް އޭނާ ވޯލްޑްކަޕްގެ ކުރިން ފިޓްވެދާނެކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.