16 Oct 2022, 10:51
މިރޭ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކުރިމަތި ލުމަށް ފަހު ލަލީގާގެެ އެއްވަނައަށް އަރަނީ ކޮންބައެއްތޯ ބަލަން ތިބުމަށް ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް އެދިއްޖެއެވެ.
އެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޒަވީ ބުނީ ބާސާއަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަމަށެވެ. ނަމަވެސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކަންކަން ވީގޮތާ މެދު ދެރަވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބާސާގެ ސަޕޯޓަރުން ކެތްތެރިވާންޖެހޭކަމަށާއި، އެ ޓީމު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. އެ ޓީމު ހަމައަކަށް މިހާރު އެޅުމުންދާކަން ފާހަގަކޮށް ޒަވީ ބުނީ އެ ޓީމުގެ ޕްރޮޖެކްޓު އަދި މި ފެށުނީ ކަމަށެވެ.
އެންމެފަހުން ރެއާލް އަތުން ލިބުނު މޮޅަކީ މި މެޗުން މޮޅުވާން ލިބުނު ހިތްވަރެއްކަމަށް ވެސް ޒަވީ ބުންޏެވެ.
"މިދިޔަ ސީޒަންގައި ރެއާލް ބަލިކުރިއިރު އޮތް ހާލަތަށް ވުރެ މިއަދު އަހަރުމެންގެ ހާލަތު މިވަނީ ރަނގަޅުވެފައި،" ޒަވީ ބުންޏެވެ.
ބާސާއާއި ރެއާލް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 7:15 ގައެވެ. އެ މެޗުން މޮޅުވާ ޓީމެއް ލަލީގާގެ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.
ބާސާ ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ 22 ޕޮއިންޓާއެކުއެވެ. އަދި ރެއާލް ދެވަނައިގައި އޮތީ ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިގެންނެވެ. ނަމަވެސް ބާސާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ބާސާއަށް ފައިދާ ގޯލުގެ ގޮތުގައި 19 ގޯލު ލިބިފައިވާއިރު، ރެއާލްއަށް ލިބިފައިވަނީ 12 ފައިދާ ގޯލެވެ.