16 Oct 2022, 09:46
ސްޕެނިޝް ލަލީގާގައި ރޭ އެތިލެޓިކް ބިލްބާއޯ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ތިންވަނައަށް ޖެހިލައިފިއެވެ.
ބިލްބާއޯގެ އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯއިން މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެެ.
އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ބިލްބާއޯއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ބިލްބާއޯގެ ކުޅުންތެރިއަކު ނެގި ހިލޭ ޖެހުމަށް ހުސްކޮށްއަރައި އިނާކީ ވިލިއަމްސް ބޮލުން ޖެހި ބޮޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ގޯލެއް ޖަހައިފައެވެ. އެ ޓީމުގެ އަލްވާރޯ މޮރާޓާ ގޯލު ޖަހެމުގެ ތެރޭގައި ބިލްބާއޯގެ ޔެރޭ އަލްވަރޭޒްއަށް ފައުލު ކުރިކަމަށް ނިންމައި ރެފްރީ ވަނީ އެ ގޯލު ބަލައި ނުގަތުމަށް ނިންމައިފައެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އޭރިއާ ތެރެއަށް ތިރިތިރިން މޮރާޓާ ނަގައިދިން ހުރަހުގެ ބޭނުންހިފައިގެން އެންޓޮއިން ގްރީޒްމަން ވަނީ މެޗުގެ ހަމަހައެކަނި ގޯލު ޖަހައިފައެވެ. ގްރީޒްމަންގެ އެ ގޯލަކީ ލަލީގާގައި އެތުލެޓިކޯއަށް އޭނާ ޖެހި 100 ވަނަ ގޯލެވެ.

އެތުލެޓިކޯއާއި ބިލްބާއޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެތުލެޓިކޯ މެޑްރިޑް
މެޗުގެ 84 ވަނަ މިނެޓުގެ ތެރޭގައި ބިލްބާއޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ހުސް ފުރުސަތެއް އުފައްދާފައެވެ. އެ ޓީމުގެ ޑި މާކޯސް އެތުލެޓިކޯގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ޑެނީ ގާސިއާ ބޮލުން ޖެއްސި ނަމަވެސް އެ ބޮޅަ އެތުލެޓިކޯގެ ކީޕަރު ޖެން އޮބްލަކް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފާއެވެ.
އެ މެޗުން މޮޅުވެ އެތުލެޓިކޯ ވަނީ ކުޅުނު ނުވަ މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ބިލްބާއޯ 17 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.
ލަލީގާ ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު އަށް މެޗުން ލިބުނު 22 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ ވެސް އެއަދަދަށް މެޗު ކުޅެ ހަމަ އެއަދަދަށް ޕޮއިންޓު ލިބިގެންނެވެ. ނަމަވެސް ބާސެލޯނާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިރޭ ބާސާއާއި ރެއާލް ވާދަކުރާއިރު މޮޅުވާ ޓީމަކަށް އެއްވަނައިގައި ހަމަޖެހިލެވޭނެއެވެ.