މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކ. ކާށިދުއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އިއްޔެ އަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހެވެ. އަދި މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، ރައީސް ޞާލިޙް ނިންމަވާފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "ސަން"އަށް ވިދާޅުވީ ރައީސް އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެއެވެ. އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްސަ ޖާފަތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ބައްލަވާލައްވައި، ދަނޑުވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ކާށިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.