16 Oct 2022, 08:50
ހަރީ ކޭން ޓޮޓެންހަމަށް ކުޅެދިން 400 ވަނަ މެޗުގައި އެވަޓަން ބަލިކޮށް ޓޮޓެންހަމް ތާވަލުގެ ކުރި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އުއްމީދު އާކޮށްފިއެވެ.
ސްޕާސްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މިމެޗުގައި އެވަޓަންގެ މައްޗަށް އެޓީމު ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މޮޅަށްކުޅެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް ޓޮޓެންހަމުންނެވެ.
މެޗުގެ ވަރަށް ކުރީ ކޮޅު އެވަޓަންއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. މީގެ ތެރެއިން ގްރޭއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ގޯލަށް އަމާޒުކޮށް އޭނާ ފޮނުވާލި ހަމަލާދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގައި ޓޮޓެންހަމަށް ގޯލް ހުޅުވާލަދިނީ ލިބުނު ޕެނަލްޓީއަކުން ހަރީ ކޭންއެވެ. މިއީ އެވަޓަންގެ ކީޕަރު ހަރީ ކޭންއަށް ހުރަސް އެޅުމުން ލިބުނު ޕެނަލްޓީއެކެވެ. މެޗުގައި ފެނިގެންދިޔަ ޓޮޓެންހަމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޕިއޭރޭ ހޯބިއާއެވެ.
މި މެޗަކީ ހަރީ ކޭން ޓޮޓެންހަމްގެ ޖޯޒީގައި ކުޅުނު 400 ވަނަ މެޗެވެ. މިމެޗުގައި ޖެހި ގޯލާއެކު އޭނާ ވަނީ ޓޮޓެންހަމުން އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް ލަނޑު ޖަހާފައެވެ. ހަރީ ކޭން ޓޮޓެންހަމާ ގުޅުނީ 2009 ވަނަ އަހަރެވެ.
ޕްރިމިއާ ލީގްގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ފްލަމް އާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. ވުލްވުސް އާއި ނޮޓަންހަމް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ވުލްވުސް ކާމިޔާބުކުރިއިރު، ލެސްޓާ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.