އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ނައިބު ލީޑަރުންގެ ގޮތުގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު އިންތިހާބުކޮށްފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި އިންތިހާބުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހަމައެކަނި ކުރިމަތިލެއްވި އިބޫ އެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވީ ވޯޓު ލެއްވި މެންބަރުންގެ އިއްތިފާގުންނެވެ. އެއީ 24 ވޯޓާއެކު އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނޭ 32 މެންބަރުންގެ ތެރެއިން މިއަދު ވޯޓްލެއްވީ 24 ބޭފުޅުންގެ ތެރެއިން ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް އަލީ ވަހީދު ހޮވިވަޑައިގެންނެވީ 23 ވޯޓާއެކުގަ އެވެ. ދެވަނަ ނައިބު ލީޑަރުކަން ލިބިވަޑައިގެންނެވި އަސްލަމަށް ލިބިވަޑައިގަތީ 18 ވޯޓެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަ (ކާނަލް) އަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ. ކާނަލް އަކީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބުގައި ތިން ފަހަރެއްގެ މަތިން ނައިބު ލީޑަރުކަމަށް ކުރިމަތިލައްވައި ނާކާމިޔާބު ވަޑައިގެންވި ބޭފުޅެކެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެރަލްއަކަށް ހޮވިވަޑައިގެންފައި ވަނީ 23 ވޯޓާއެކު މުހައްމަދު ގަސަމެވެ. އޭނާއާ ވާދަކުރެއްވެވި ހާމިދު އަބްދުލް ޣަފޫރަށް ލިބިވަޑައިގެންނެވީ 22 ވޯޓެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ތިން ވިޕުންގެ ގޮތުގައި އިންތިހާބު ވެވަޑައިގެންނެވީ 24 ވޯޓާއެކު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އާއި 23 ވޯޓާއެކު ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒުގެ އިތުރުން 23 ވޯޓާއެކު ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބެވެ.