10:00


މިހާރު ފަނޑިޔާރު ކަމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން 139 ފަނޑިޔާރަކު ޝަރުތު ހަމަވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފި އެވެ.


ޖުޑީޝަލް ސާރވިސް ކޮމިޝަން ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލައި، އެފަދަ ފަޑިޔާރުން އަލަށް އައްޔަން ކުރުމަކީ އެކޮމިޝަންގެ ވާޖިބެއް ކަމަށާއި އެމަސައްކަތް ގާނޫނު އަސާސީއަށް އަމަލު ކުރަން ފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ނިންމަން ޖެހޭ އެންމެހާ ކަންކަން ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.


ޖޭއެސްސީން ބުނީ މެއި މަހުގެ 11 ގައި އެކޮމިޝަނުން ފާސްކޮށްފައިވާ މިންގަނޑުގެ ހަތަރު ވަނަ މާއްދާއަށް އިއްޔެ އިސްލާހު ހުށަހެޅި ފާސްވެފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ތެރެއިން މިހާތަނަށް ޝަރުތު ފުރިހަމަވޭތޯ ބެލިފައިނުވާ 58 ފަނޑިޔާރެއްގެ މައުލޫމާތު ސާފުކޮށް، ޝަރުތު ހަމަވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.


ޖުޑީޝަލް ސާރވިސް ކޮމިޝަނުން މި ގޮތަށް ނިންމާފައި މިވަނީ އެކޮމިޝަންގެ ބައްދަލުވުމެއް އިއްޔެ ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ މީހުން އެ ކޮމިޝަން ކައިރިއަށް އެއްވެ އެ ކޮމިޝަންގެ ރައީސް މުޖުތާޒު ފަހްމީގެ އިސްތިއުފާ އަށާއި އޭނާ ހައްޔަރު ކުރުމަށް ގޮވާލާ މުޒާހަރާކޮށްފައި ވަނިކޮށެވެ.