16 Oct 2022, 08:30
"ރަނގަޅުތަ މިހާރު؟ ހިނގާބަލަ ކުޑަކޮށް ކުރުބާ ފެންފޮދެއް ކަަހަލަ އެއްޗެއް ބޮައިލަން" ޒިޔާނާގެ އެ ސުވާލާއެކު މިޝްޔާއަށް ޒިޔާނާއަށް ބަލައިލެވުނެވެ. އޭނާގެ ދެލޮަލަށް ކަރުނަތައް ޖަމާވާން ނެގީ ހިނދުކޮޅެކެވެ. މިޝްޔާ ރޯން ފެށުމުން ޒިޔާނާ ކަންބޮޑުވިއެވެ. އޭނާ ތެދުވެލުމާއެކު މިޝްޔާ ޒިޔާނާގެ ގައިގައި ބައްދައިގަތެވެ.
މިޝްޔާ ބައްދައިގަނެފައި ރޯން ފެށިގޮތަށް ނުހުއްޓުމުން ޒިޔާނާ ކަންބޮޑުވިއެވެ. އޭނާ މިޝްޔާ މަސަލަސްކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުކުރެވުނެވެ.
"ދަރިފުޅާ! ކިހިނެއްވީތަ؟" ޒިޔާނާ ސުވާލުކޮށްލަމުން މާކިންއަށް ބަލައިލީ މާޔޫސީ ނަޒަރަކުންނެވެ.
"މިޝޫ..." މާކިން ވެސް މިޝްޔާއަށް ގޮވައިލިއެވެ. އޭނާ މިޝްޔާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން، ސުވާލުކުރިނަމަވެސް، މިޝްޔާއަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ރުއިން ފިޔަވާ އޭނާއަށް އިތުރު އެއްވެސް އެއްޗެއް ނުބުނެވުނެވެ. ރުއިމުގެ ސަބަބުން މިޝްޔާ ވަރުބަލިވެ އަނެއްކާވެސް ނިދޭގޮތްވިއެވެ.
ހޮސްޕިޓަލުގައި ބޭއްވުމަށްފަހު, މިޝްޔާ ގެއަށް ދޫކޮށްލީ ތިން ދުވަސްފަހުންނެވެ.
އެރޭގެ ފަހުން މިޝްޔާއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަކަން ޒިޔާނާގެ އިތުރުން ރިފްއަތާއި މާކިންއަށް ވެސް ފާހަގަ ކުރެވުނެވެ. ގިނަވަގުތު ކޮޓަރީގައި އޮތުމާއި، ހުރެހުރެފައި ރުއިން އާއްމުވިއެވެ. މިޝްޔާއަށް އައި ބަދަލާ މެދު އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ބޮޑުބޭބެ ދޭ އިންޒާރުތަކުގެ ސަބަބުން މިޝްޔާ ހުންނަނީ އަބަދު ސިހި ބިރުގަތްފައެވެ. އެރޭގެ ފަހުން އެތަކެއް ފަހަރަކު މިޝްޔާއަށް ބޮޑުބޭބެގެ އެ އަނިޔާތަކާ ކުރިމަތިލާން ޖެހުނެވެ. އެކަން ސިއްރުކުރަމުން ދިޔުމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ބޮޑެތި އަސަރުތަކެއް ކުރަމުން ދިޔައެވެ. ޒިޔާނާމެންނަށް އެކަންތައް އެނގުނީ އޭގެ ހަތަރު މަސް ފަހުންނެވެ. މިޝްޔާގެ ކޮޓަރީގެ ތަޅުިދަނޑިއެއްވެސް ބޮޑުބޭބެ ވަނީ ވަގަށް ނަގާފައެވެ. ބޭނުންވަގުތަކު އެކޮޓަރިއަށް ވަދެ ނިކުތުން އާއްމުވިނަމަވެސް، އެވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
އޮފީހުގެ އަހަރީ ދުވަހުގެ ޖަލްސާ ނިންމާލާފައި ގެއަށް އަންނަންވެގެން ރިފްއަތުގެ އިތުރުން ޒިޔާނާއާ މާކިން އާ ތިން މީހުން ނައްޓައިލީ އެއް ކާރުގައެވެ. ދުއްވަން އިނީ ރިފްއަތެވެ.
"މިޝޫއަށް ގުޅީމަ ފޯނެއް ނުނަގާ. މިހާރު އެ އުޅޭ ގޮތުން ވަރަށް ކަންބޮޑުވޭ. މިރޭވެސް އެވަރަށް އަންނަން އާދޭސްކުރީމަވެސް އެއްގޮތަކަށް އަންނާކަށް އެއްބަހެއް ނުވި. " ޒިޔާނާ ފޯނު ކަންފަތާ ދުރުކޮށްލަމުން ގަޑި ބަލައިލިއެވެ. އޭރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ.
"ނިދާފަ ކަމަށް ވާނީ. އެގާރަ ޖަހާ ބޮޑުވީނު." ރިފްއަތު ބުނެލިއެވެ.
"އަހަންނަށް ހީވަނީ މިޝްޔާ ޑޮކްޓަރަކަށް ވެސް ދައްކައިލަން ވީހެން. އަބަދު އެ ހުންނަނީ ސިހި ބިރުގަތްފަ. އަނެއްކާ އަހަރެމެންނަށް ކަމެއް ސިއްރުކުރަނީތަ؟" ޒިޔާނާއަށް ވިސްނެނީ މިޝްޔާއާ ދޭތެރޭގައެވެ.
"އެއީ މާ ބޮޑުކަމެއް ނޫނޭ ޒިޔާނާ... ބޮޑުވަމުން އަންނައިރު އެކި ކުދިންނަށްކުރާނީ އެކި ކަހަލަ އަސަރޭ. މިޝްޔާއަށްވެސް ވެގެން އެ އުޅެނީ ހަމަ އެކަހަލަ ގޮތެކޭ. ދުވަސްކޮޅަކުން ރަނގަޅުވާނެ!" ރިފްއަތު މަގުމައްޗަށް ސަމާލުކަން ދީގެން އިންނަމަވެސް، ވާހަކަ ދައްކާއިރު އަވަސް ނަޒަރެއް ޒިޔާނާއަށް ދެއެވެ.
"ހަމަ އެހާ ބޮޑު ބަދަލެއް މިޝްޔާއަށް އަތުވެދާނެތަ؟ މާކިން..." އެހެން ބުނެލާފައި ޒިޔާނާ އެނބުރިލުމަށްފަހު, މާކިންއަށް ބަލައިލިއެވެ.
"މިޝޫ ނުބުނޭތަ މާކިން ކައިރީގައި ވެސް އެއްވެސް އެއްޗެއް؟" ޒިޔާނާ ސުވާލުކޮށްލިއެވެ. ޒިޔާނާއާ ރިފްއަތުގެ ވާހަކަތައް އަޑު އަހަން އިން މާކިން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
އެފަދަ ވާހަކަތަކެއްގައި ތިބެ ގެއާ ހިސާބަށް އާދެވުނެވެ. ކާރު ގޭޓުން ވައްދައިލުމަށްފަހު, ޕާކުކޮށްލާފައި ތިން މީހުން ގެއަށް ވަތްއިރު، ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ޒިޔާނާ މާކިންއާ އެކު ސިޑިއާ ދިމާލަށް ހިނގައިގަތުމުން، ރިފްއަތު ސުވާލުކޮށްލިއެވެ.
"މި އަންނަނީ މިޝޫ ނިދާފަތޯ ބަލައިލާފަ!" ޒިޔާނާ ބުނެލިއެވެ. އޭނާ ކުރިއަށް ވުރެެ ބޮޑަށް މިޝްޔާއަށް އޯގާތެރިވަމުން ދިޔައެވެ. ކުރިއަށްވުރެ ބޮޑަށް މިޝްޔާއާ ގާތުގައި އުޅެވޭތޯ ޒިޔާނާ މަސައްކަތް ކުރަމުން ދިޔައެވެ.
***
މާކިންއާއި ޒިޔާނާއާ ދެމީހުން މައްޗަށް އެރީ އެކު އެކީގައެވެ. މާކިން އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހުމުން ޒިޔާނާ މިޝްޔާގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. އެނދުގައި ބެޑްޝީޓް ގައިގައި އޮޅާލައިގެން ރޯން އޮތް މިޝްޔާ ސިހުނެވެ. އޭނާ ހީކުރީ އަނެއްކާވެސް ބޮޑުބޭބެ އައީ ކަމަށެވެ. ހިނދުކޮޅަށް ރުއިން ހުއްޓުނު ނަމަވެސް ޒިޔާނާ ފެނުމާއެކު މިޝްޔާއަށް އަނެއްވެސް ރޮވެން ފެށުނެވެ.
"މިޝޫ... ކިހިނެއްވީ؟" ކަންބޮޑުވުމާއެކު ޒިޔާނާއަށް މިޝްޔާއާ ދިމާލަށް ގޮސް ސުވާލުކޮށްލެވުނެވެ. މިޝްޔާގެ ގައިގައި އެއްވެސް އެއްޗެއް ނެތުމާއެކު އޭނާއަށް ހައިރާންކަމާއި ކަންބޮޑުވުމެއްގެ އަސަރު ވެރިވިއެވެ.
"ކީއްވެ ތިހެން ތިއޮތީ...؟" އޭރުވެސް މިޝްޔާ ދިޔައީ ބާރަށް ރޮމުންނެވެ. ވެގެން އުޅޭ ގޮތެއް ރަނގަޅަށް ނޭނގުނު ނަމަވެސް. ޒިޔާނާގެ ކަންފަތުގައި އިންޒާރުގެ ރަނގަބީލެއްގެ އަޑު ޖެހުނެވެ. އޭނާ އަވަސްއަވަހަށް ޓައިލްސްތަކު މަތީގައި އޮތް މިޝްޔާގެ ޓީޝާޓާއި ހަރުވާޅު ލެއްވިއެވެ. ޒިޔާނާގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ.
"މިޝޫ... ކިހިނެއްވީ؟ މަންމަ ކައިރީގައި ބުނެބަލަ! މީހަކު ކަމެއް ކުރީތަ؟" ޒިޔާނާ އެހެން އަހައިލިއިރު އެ އަޑުގައިވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވިއެވެ. ބޮޑުބޭބެގެ އިންޒާރުތައް މަތިން ހަނދާންވެ މިޝްޔާ ބިރުން ދެފަރާތަށް ބޯ ހޫރައިލިއެވެ. މަންމަ ކައިރީގައިވެސް އެ ވާހަކަތައް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ޒިޔާނާގެ ވާހަކަތަކުން މިޝްޔާގެ ރުއިން އިތުރުވަމުން ދިޔުން ނޫންކަމެއް ނުވިއެވެ. އެކަމުން ވެސް ވެގެން އުޅެނީ ކީއްކަން ޒިޔާނާއަށް ރޭކާލިއެވެ. ހިނދުކޮޅަކަށް އޭނާގެ ހިތުގެ ހިނގުންވެސް މަޑުޖެހިލިހެން ހީވިއެވެ. އެތައް ހާސް ހަންޖަރަކުން އޭނާގެ މޭ ތޮރުފަމުން ދިޔަފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. ހިނދުކޮޅަކަށް ސިކުނޑީގެ ހިނގުންވެސް މަޑުޖެހިލިފަދައެވެ. ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައްވެސް ހީވަނީ ފައިބަން ނޭނގި ހުއްޓުނު ހެންނެވެ. ޒިޔާނާގެ ދުނިޔެވެސް އެ ފުށް މިފުށަށް ޖެހިގެން ދިޔައެވެ. މިޝްޔާގެ ގައިގައި ބައްދާލައިގެން ހުރެ އޭނާ ހިތްވަރުކުރަން މަސައްކަތް ކުރަމުން ދިޔައެވެ.
"މިޝޫ... ބުނެބަލަ! ކާކުތަ މިހެން ހެދީ؟" ޒިޔާނާ ތަކުރާރުކޮށް މިޝްޔާއާ ސުވާލުކުރަން ފެށުމުން މިޝްޔާގެ ރުއިން ބާރުވިއެވެ.
"ބޮޑުބޭބެ..." މިޝްޔާއަށް އެންމެ ފަހުން އޭނާގެ އަނގައިން އެ ބަސްތައް ބޭރުކޮށްލެވުނެވެ. އަޑު އިވުނު ނަމެއްގެ ސަބަބުން ޒިޔާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް ލިބުނު ސިހުމާއެކު ބޮލަށް އެނބުރުން އަރައިގެން ދިޔަހެންވެސް ހީވިއެވެ.
"ބޮޑުބޭބެ އޭ..." ޒިޔާނާއަށް ސުވާލުކޮށްލެވުނެވެ. މިޝްޔާ ބޯ ޖަހައިލުމާއެކު ޒިޔާނާއަށް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ.
"ކިހާ ދުވަހެއް ވެއްޖެ؟" އެ ސުވާލުކުރިއިރުވެސް ޒިޔާނާގެ އަޑު ދިޔައީ ތުރުތުރު އަޅަމުންކަމުން އޭނާއަށް ރަނގަޅަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. އެންމެ ބޭނުންޖެހުނު ދުވަހު އޭނާގެ ހިޔާވެހިން ހިމާޔަތް ދިނުމުން އޭނާގެ ބޭބެއަށް ކަންތައް ކުރަން އެނގުނު ގޮތަކީ އެއީ ހެއްޔެވެ؟ ދެރަވި ނަމަވެސް ޒިޔާނާގެ ނަފްސުގައި ރުޅިވެރިކަންވެސް އުތުރި އަރަމުން ދިޔައެވެ. މިޝްޔާއަށް އަންނަމުން ދިޔަ ބަދަލުތައް އޭނާގެ ޚިޔާލަށް އަންނަމުން ދިޔުމުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ އެ ފަދަ ގޮތަކަށް އޭނާއަށް ވިސްނިފައި ނެތީތީއެވެ. މަންމައެއްގެ ގޮތުގައި އޭނާ ފެއިލްވެއްޖެ ކަމުގެ އިޙްސާސް ޒިޔާނާއަށް ކުރެވުމުން އޭނާގެ ހިތް ކުދި ކުދިވަމުން ދިޔައެވެ.
"ދަރިފުޅާ! ކިހާ ދުވަހެއް ވެއްޖެ؟" ޒިޔާނާ ސުވާލުކޮށްލިއެވެ. އޭނާ މިޝްޔާ ދުރުކޮށްލަމުން މިޝްޔާގެ ދެ ކޯތާފަތުގައި ދެ އަތުން ހިފައްޓައިލިއެވެ.
"ކިހާ ދުވަހެއްވެއްޖެ!؟" ޒިޔާނާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނީ މިޝްޔާ އެއްޗެއް ނުބުނުމުންނެވެ.
"ހަތަރު... ހަތަރު މަހަށް ވުރެ..." މިޝްޔާއަށް ބުނެވުނީ އެހާ ވަރަށެވެ. ޒިޔާނާގެ ފައިދަށުން ބިންގަނޑުވެސް ދެމިގެން ދިޔަ ފަދަ އިޙްސާސްއާއެކު އޭނާއަށް ބޮލުގައި ހިފައްޓައިލެވުނެވެ. އެ އަނިޔާވެރިޔާގެ ވަކިތަކުގައި މިޝްޔާ ހައްޔަރުވިތާ ހަތަރު މަސް ވިއިރު އޭނާއަށް އެކަން ނޭނގުނީ ކީއްވެހެއްޔެވެ؟ މިޝްޔާގެ ކަރުނަތައް ފުހެދެމުން ނުރުއިމަށް ޒިޔާނާ އެދުނު ނަމަވެސް، އެކަން ކުރަން މިޝްޔާއަށް އުނދަގޫވާނެކަން އޭނާއަށް އެނގެއެވެ. ޒިޔާނާއަށް އޭނާގެ ނަފްސުގެ މައްޗަށް ވެރިވި ރުޅިވެރިކަން ކޮންޓްރޯލް އެއް ނުކުރެވުނެވެ. އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތުމުން މިޝްޔާއަށް ވެސް އެނދުން ތެދުވެވުނެވެ. އެހެންނަމަވެސް ކުރިއަށް އެއްވެސް ފިޔަވަޅެއް އަޅާނެ ހިތްވަރެއް އޭނާގެ ނެތެވެ.
*****
ރިފްއަތު ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން ހުއްޓާ ޒިޔާނާގެ ބޭބެ އައިސް މަޑުކޮށްލިއެވެ.
"ކިހިނެއް ޖަލްސާ ދިޔައީ؟" ބޭބެ ސުވާލުކޮށްލުމާއެކު ރިފްއަތު ވަރަށް ރަނގަޅޭ ބުނެލިއެވެ.
"ކިހިނެއް ބޮލުގެ ރިއްސުން މިހާރު؟ ބޭސް ކައިގެން އަރާމުކޮށްލީމަ ރަނގަޅުވެއްޖެތަ؟" ރިފްއަތު ސުވާލުކޮށްލުމުން ބޭބެ ބުނީ ރަނގަޅުކަމުގައެވެ. ހަޤީގަތުގައި އޭނާ އެ ޖަލްސާއަށް ނުދިޔައީ ބަލިވެގެންނެއްވެސް ނޫނެވެ. އެއީ ނުދާންވެގެން އޭނާ ދެއްކި ބަހަނާއެކެވެ.
މިޝްޔާގެ ކޮޓަރިން ނުކުތުމަށްފަހު، ޒިޔާނާ ސޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ސިޑިން ފައިބަމުން ދިޔަ އޭނާގެ ލޮލުގައި ރިފްއަތާ ވާހަކަ ދައްކަން ހުރި އޭނާގެ ބޭބެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ލޭ ކެކިގަތެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން އެ އައި ގޮތަށް އައިސް ޒިޔާނާ އޭނާގެ ބޭބެގެ ބުރަކަށީގައި ޖަހާ ކޮށްޕައިލިއެވެ. އެކަމުން ނުވިސްނާ ހުރި އެނާގެ ބޭބެ ގޮސް ވެއްޓެން އުޅުމުން ރިފްއަތު އޭނާ ހިފައްޓިއެވެ.
ޒިޔާނާ..." ޒިޔާނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް، އޭނާގެ މޫނުމަތިން އިންތިހާ ރުޅިވެރިކަންވެސް ފެންނަމުން ދިޔައެވެ. މީގެ ކުރިން ޒޔާނާ އެހާ ރުޅި އައިސްފައި ހުއްޓާ ރިފްއަތަށް ފެނިފައެއް ނުވެއެވެ. ވާނުވާ ނޭނގިފައި ހުރި ރިފްއަތު ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.
"މީނަ ކައިރީ އަހާބަލަ ވެގެން މިއުޅޭ ގޮތެއް؟" ބޭބެއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ޒިޔާނާ ހަޅޭއްލަވައިގަތެވެ.
ތީތަ އަހަރެން ކަލެއަށް މިގެއިން ހިޔާވަހިކަމެއް ދިނީމަ ކަންތައް ކުރަން އެނގުނު ގޮތަކީ؟ ހުރި ނުލަފާކަން ބަލާބަލަ!" ޒިޔާނާއަށް އަނެއްކާވެސް ހަޅޭއްލަވައިގަނެވުނެވެ.
ޒިޔާނާ.! ކީއްވެ ތިހާ ރުޅި އައިސްފަ ތިހުރީ؟ ރުޅި އަންނަ ކަމެއް ދިމާވީމަ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ އެއްނު. އެހެންނޫނަސް އެއީ ޒިޔާނާގެ ބޭބެ..."
"އެއީ އަހަރެންގެ ބޭބެއެއް ނޫން މީގެ ފަހުން. އަހަންނާ އެއްވެސް ގުޅުމެއް ނޯންނާނެ.. ކަލޭ ހުންނާނެކަމަށް ނެތޭ ތިހެނެއް..." ޒިޔާނާ ކުރިއަށް ފިޔަވަޅެއް އަޅާފައި ގޮސް އޭނާގެ ބޭބެގެ ކޯތާފަތުގައި ހޫނު އެތިފަހަރެއް ވީއްލައިލިއެވެ.
(ނުނިމޭ)