16 Oct 2022, 14:25
ނިއުކްލިއާ ހަކަތަ ބޭނުންކޮށްގެން އޮޕަރޭޓު ކުރާ އިންޑިއާގެ ސަބްމެރިން، އައިއެންއެސް އާރިހަންތުން ކާމިޔާބުކަމާއެކު ބެލިސްޓިކް މިސައިލެއް ލޯންޗުކޮށް، އެ ނިޒާމު ޓެސްޓުކޮށްފިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެ މިސައިލް ޓެސްޓު ކުރުމަކީ އެގައުމުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން އެގައުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި މިސައިލް ލޯންޗާއެކު އިންޑިއާ ވެފައި ވަނީ ބެލިސްޓިކް މިސައިލް ލޯންޗުކުރުމުގެ ގާބިލުކަން ލިބިފައިވާ އަދި ނިއުކްލިއާ ހަކަތަ ބޭނުންކުރާ ސަބްމެރިން އުޅަނދެއް އޮތް ހަ ވަނަ ގައުމަށް ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރިއެވެ.
މި ގާބިލިއްޔަތު ލިބިފައިވާ އެހެން ގައުމުތަކަކީ، ރަޝިއާ، އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޗައިނާ އެވެ.
މިދިޔަ މަހު އިންޑިއާއިން ވަނީ އެ ގައުމުން އުފެއްދި އެއާކްރާފްޓް ކެރިއަރު އައިއެންއެސް ވިކްރާންތު ދައްކާލާފައެވެ. މިއީ އެ ގައުމުގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް ބޮޑުވަޒީރު ނަރެންދަރު މޯދީ ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ބަނދެފައިވާ އުޅަނދެކެވެ.
އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ އެއް ގައުމުކަމުގައިވާ އިންޑިއާއިން ބޭނުންވަނީ އެ ގައުމުން އަމިއްލައަށް ހަތިޔާރު އުފެއްދުމަށެވެ. މިއާއެކު 2020 ވަނަ އަހަރު އިންޑިއާއިން ވަނީ އަމިއްލައަށް އެޓޭކް ހެލިކޮޕްޓަރުތަކެއްވެސް އުފައްދާފައެވެ.
އިންޑިއާއާއި ޗައިނާއާ ދެމެދު އަދި އެގައުމާއި ޕާކިސްތާނާ ދެމެދު ވެސް ބައެއް ފަހަރު ހަމަނުޖެހުންތައް ހިނގައެވެ.