16 Oct 2022, 10:33
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ލޯޑްސްގެ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް ކޮމިޓީގެ ބައްދަލުވުމެއްގައި ރޮބޮޓެއް ބައިވެރިވެއްޖެއެވެ.
އެއިޑާ ކިޔާ މި ރޮބޮޓު މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އޭގެ ވެރިފަރާތް ކަމުގައިވާ އެއިޑެން މެލާއާ އެކުގައެވެ.
އުފެއްދުންތެރި ފަންނުގެ ގާބިލިއްޔަތުކަން ހުރި އެއިޑާ ވަނީ އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކާފައެވެ.
އެގޮތުން އުފެއްދުންތެރި ފަންނާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި، ރޮބޮޓިކްސް އާ ގުޅޭގޮތުން އޭނާ ވަނީ ވާހަކަދައްކާފައެވެ.
އެއިޑާގެ ވާހަކައިގައި މުސްތަގުބަލު ބައްޓަންވެފައި އޮންނާނެގޮތުގެ ތަސައްވުރެއް އޭނާ ވަނީ ހާމަކޮށްފައެވެ.
"ކުރިއަށް އޮތް ތަނުގައި އާޓްސްގެ ދާއިރާއިން ޓެކްނޮލޮޖީ ވަރުގަދަވާނެ. ނަމަވެސް ކަމާގުޅޭ ސީދާ ތަޖުރިބާ އަހަރެންގެ ނެތް،" އެއިޑާ ބުންޏެވެ.
މީގެއިތުރުން އެއިޑާ ވަނީ އޭނައަކީ ކޮމްޕިއުޓަރު ޕްރޮގްރާމާއި އަލްގޮރިދަމްކަމަށް ބުނެފައެވެ.
އަންހެނެއްގެ ސިފަ ހުރި މި ރޮބޮޓަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި ކޯނިޝް ރޮބޮޓިކްސް ގުޅިގެން 2019 ވަނަ އަހަރު އުފެއްދި އިންސާނެއްގެ ސިފަ ހުރި ރޮބޮޓެކެވެ. މި ރޮބޮޓަށް އެއިޑާގެ ނަމުން ނަން ދެވުނީ 19 ވަނަ ގަރުނުގައި އިނގިރޭސިވިލާތުގައި މަޝްހޫރުވި ހިސާބު އަދި ކޮމްޕިއުޓަރު ޢިލްމުވެރިޔާ އެޑާ ލަވްލޭސްއަށް ނިސްބަތްކޮށެވެ.
އުފެއްދުންތެރި ކުރެހުންތައް ކުރަހާ މި ރޮބޮޓުގެ ކުރިމަތީގައި ތިބޭ މީހުންގެ ތަސްވީރުތައް އޭނާ ކުރަހައެވެ. އަދި އޭގެ ޑޭޓާބޭސްގައި ތިބި ފޮޓޯތައް ބޭނުންކޮށްގެންވެސް ތަފާތު އެތައް ފަންނުވެރިކަމެއް ދައްކައެވެ.
އިނގިރޭސި ހައުސް އޮފް ލޯޑްސްގެ މެމްބަރެއް ކަމުގައިވާ ސްޓޯވެލް އޮފް ބީސްޓަންގެ ބެރޮނެސް ޓީނާ ސްޓޮވެލް ވަނީ ރޮބޮޓަކަށް އިންސާނެއްގެ ލަގަބު ނުދެވޭނެކަމަށް ބުނެފައެވެ. އަދި އެ ރޮބޮޓު ދައްކާ ކޮންމެ ވާހަކައަކަށް ޒިންމާވާން ޖެހޭނީ އެ ރޮބޮޓުގެ ވެރިފަރާތްކަމަށްވެސް ޓީނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު މިސްރުގައި އޮތް ފަންނުވެރިކަމުގެ މައުރަޒެއްގައި ބައިވެރިވުމަށް އެއިޑާ މިސްރަށް ދިއުމުން ވަނީ ހައްޔަރުކޮށްފައެވެ. މިސްރުގެ އިދާރާތަކުން އެއިޑާ ހައްޔަރުކުރީ ޖާސޫސުކުރުމުގެ ތުހުމަތުގައެވެ.
އިންސާނުންނާ ވައްތަރު ރޮބޮޓުން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ފެންވަރުގައި ކުރެވެމުން އަންނައިރު، ގާނޫނުހަދާ މަޖިލީހެއްގައި ރޮބޮޓެއްގެ ވާހަކަތައް އަޑުއެހި ފުރަތަމަ މަޖިލީހަކަށް އިނގިރޭސި ގާނޫނުހަދާ މަޖިލީސް ވަނީ ވެގެންގޮސްފައެވެ.