ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖަލުގައި ވާނުވާ ޖަހާފައިތިބި އެންމެން މިނިވަންކުރާނެކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުދިކުދި ކުށްތަކުގައި ވާނުވާ ނޭނގޭގޮތަށް މާފުށީ ޖަލުގައި މުއްދަތުޖަހާފައި މީހުން ބައިތިއްބާފައި އެބަތިބިކަމަށެވެ. އޭގެތެރޭގައި ސަރުކާރާ ދެކޮޅަށް މަގުތަކަށް ނިކުމެ ސުލްހަވެރި މުޒާހަރާތަކުގައި ޝުއޫރު ފާޅުކުރާ މީހުން ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މުއްދަތު ޖަހަންޖެހޭނެ. މުއްދަތު ޖަހަންޖެހޭނީ ބޮޑެތި މުޖުރިމުންކަމަށް ތުހުމަތު ކުރެވޭ މީހުންނަށް. ނިރުބަވެރި ހަމަލާތައް ދޭކަމަށް ތުހުމަތުކުރާ މީހުން ނުވަތަ މީހުންގެ ޖިސްމަށް ބޮޑެތި ގެއްލުންތައްދޭކަމަށް ތުހުމަތުކުރެވި ހައްޔަރުކުރެވޭ މީހުންނަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެފަދަ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރިވެދާނޭ މީހުންކަމަށް ވަނީނަމަ އެމީހުނަށް މުއްދަތު ޖަހަންޖެހޭކަމަށާއި، އެނޫން މީހުންނަކީ ޖަލު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖެހިގެންވާނޭ މީހުންކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ފުލުހުން އެވަރުގެ އިންޓަލިޖެންސް ރިޕޯޓް ތައްޔާރުކުރާ ބަޔަކު އޭނަގެ މައްޗަށް ތުހުމަތުކޮށްފަ ފަނޑިޔާރުގެއަށް މައްސަލަ ވައްދަންވީ ނޫންތޯ. ކީއްކުރަންތޯ އޭނާގެ މައްސަލަ ނިމެންދެކަ ޖަލުގައި ބަހައްޓަންވީ. ޖަލުގަ ބަހައްޓައިގެން މައްސަލަ ތަހްގީގު ކުރަންޏާ ބޮޑެތި ކުށްތައް ކުރާ މީހުން ޖަލުގައި ބަހައްޓަންވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި މި ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް ހަނިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މިއަދު ދާންވީ ޕީޕީއެމްގެ ފަރާތުން ސުލްހަވެރި އިހުތިޖާޖުތަކުގައި ބައިވެރިވާ އަންހެން ކަނބަލުންގެ ފަހަތުން ނޫން ކަމަށާއި ދާންވީ ހަގީގީ ކުށްވެރިންގެ ފަހަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސުލްހަވެރި އިހުތިޖާޖުތައް ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު އެހެން ވިދާޅުވިއިރު ދާދިފަހުން މަސްވެރިންގެ ހައްގުގައި އަޑުއުފުލުމަށް އިދިކޮޅުން ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް އިދިކޮޅުން ހުށަހެޅިއެވެ. ނަމަވެސް ޕީޕީއެމަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުން ވަނީ ބޭރު ކޮށްލާފައެވެ.

ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ އެމްޑީޕީގެ މަޖިލީސް މެމްބަރުންނާއި އެ ޕާޓީގެ އިސްވެރިންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް އެ މައްސަލަ ދެ ފުށް ފެންނަ ގޮތަށް ނުބެލޭއިރު އެ ޚިޔާނާތުގެ ވާހަކަ ދައްކަން ވެސް ޖެހިލުން ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނަށް އެވާހަކަ ދައްކަން ކެރޭނެ ކަމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހަގީގީ ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކޮށްދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކުރިމަތިލުމުގެ އެންމެބޮޑު އެއް ބޭނުމަކީ، ރާއްޖޭގައި ތިބި ހަގީގީ ވަގުން ރައްޔިތުންނަށް ދެއްކުން ކަމަށެވެ.

"ފުރުސަތު ލިބިއްޖެ ނަމަ އަޅުގަނޑު އެންމެ ފުރަތަމަ ކަށަވަރުކުރަން ބޭނުންވާ ކަމަކީ ދިވެހި ރައްޔިތުންގެ ކުރިމަތީ ކޮބައިތޯ ވައްކަންކުރި ބަޔަކީ. ކޮބައިތޯ ކޮރަޕްޝަން ހިންގި ބަޔަކީ. ދިވެހި ރައްޔިތުންގެ ހައްގެއް ރައްޔިތުންނަށް އެނގެންޖެހޭނެ. މީހުންނާ ދިމާލަށް ވަގަށް ގޮވިދާނެ. އެކަމަކު މައްސަލަ ބަލާލީމައި އެނގޭނީ އަސްލު ވަގުންނަކީ ކޮންބައެއްކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.