03 Apr 2012, 16:55
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މާޗް އެއް ވަނަ ދުވަހު ބޭއްވި ޖަލްސާ އާ ދިމާކޮށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ދައުވާކުރި މީހަކު ދައުވާއަށް އިންކާރުކޮށްފި އެވެ.
މާޗް އެއް ވަނަ ދުވަހުގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގދ. ވާދޫ އަސަރީގޭ ހަސަން އަބްދުﷲ ގެ މައްޗަށް ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ދައުވާ ހުށަހެޅުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީއެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ މާޗް އެއް ވަނަ ދުވަހު ބާއްވަން އުޅެނިކޮށް އެ ދުވަހު މާލޭގެ މަގުތަކުގައި ކުރި މުޒާހަރާތަކުގެ ތެރެއިން އަލިކިލޭގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައިވާ ސަރަހައްދުގައި ހުރެ އެމްޑީޕީގެ ދިދަ ދަނޑިއެއް ހިފައިގެން އެ ސަރަހައްދުގައި ހުރި ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާތީ ކަމަށެވެ.
ދައުވާ އަށް ހަސަން އަބްދުﷲ އިންކާރުކުރުމުން ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުވާ ސާބިތުކުރުމަށް ޓަކައި ދައުލަތުން ހެކި ހުށަހެޅުމެވެ.
މާޗް އެއް ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ 23 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ނެވެ.
ފުލުހުންގެ ގާނޫނޫގެ 73 ވަނަ މާއްދާގައި ބުނަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުން ނުވަތަ ހަމަލާދޭން މަސައްކަތްކުރުމަކީ ކުށެއްކަމަށެވެ. އެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަބަކުން ޖޫރިމަނާކުރުން ނުވަތަ ހަމަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަބަކުން ޖޫރިމަނާކުރުމާ އެކު ހަމަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.