16 Oct 2022, 10:56
މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަށްވާ އިރު މި ދުވަސް ފާހަގަ ކުރުމުގެ އެއް ބޭނުމަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ލިބޭ ގޮތަށް، މިންހެޔޮ ކާނާ ކެެއުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.
ސިއްހަތަށް ފައިދާ ހުރި ކާނާއޭ ބުނުމުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ އަގު ބޮޑު، މީރު ރަހައެއް ނުލާ ކާނާއަށް ވާނެ ކަމަށެވެ. އެކަމަކު ސިއްހަތަށް ފައިދާ ހުރި ކާނާ ޚަރަދު ކުޑަކޮށް، މީރުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް ތައްޔާރު ކޮށްލެވިދާނެއެވެ. އެގޮތުން ކެއުމުގައި ބޭނުން ކުރެވިދާނެ ދެ ސެލެޑެއްގެ މިސާލަކީ:
އާފަލު ކެރެޓު ސެލެޑް
ދެ އާފަލު
ދެ ކެރެޓު
މުށެއްގެ ވޯލްނަޓް (ބޭނުން ނަމަ)
ލުނބޯ
ބްރައުން ޝުގާ
އޮލިވް އޮއިލް
ލޮނުކޮޅެއް
މިއީ ތައްޔާރުކުރަން ވަރަށް ފަސޭހަ އަދި ވަރަށް މީރު ސެލެޑެކެވެ. ވަގުތު ނެތިގެން އުޅޭ ނަމަ މިއީ ވަރަށް ރަނގަޅު ސެލެޑަކަށް ވާނެއެވެ. އެގޮތުން ސެލެޑު ހަދަން ކުރަން ޖެހޭނެ މައިގަނޑު ކަމަކީ ކެރެޓާއި އާފަލު ގޭނުމެވެ. އެއަށް ފަހު ބާކީ ހުރިހާ އެއްޗެއް އަޅައި، ލުނބޯ ހުތްކޮޅެއް ފިތާލުމަށް ފަހު އެއްކޮށްލުމުން ސެލެޑު ހަދާ ނިމުނީއެވެ.
އާފަލާއި ކެރެޓަކީ ރަހަ މީރު ވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ތަރުކާރީއަކާއި މޭވާއެކެވެ. އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދިނުމުގެ އިތުރުން ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ފަސޭހަކޮށްދޭ ފައިބާ އާފަލާއި ކެރެޓުގައި ވެސް ހިމެނެއެވެ.

އާފަލު ކެރެޓް ސެލެޑް -- ފޮޓޯ/ އެވްރިޑޭ ޑިޝެސް
އަލުވި ކުކުޅު ސެލެޑް
ދެ ޗިކެން ބްރެސްޓް
ދެ ކުކުޅުބިސް (ފެނު ކައްކާފައި)
ތިން އަލުވި (ފެނު ކައްކާފައި)
މެޔޯނައިސް
ލޮނު
އަސޭމިރުސް
ލުނބޯ
މި ސެލެޑް ތައްޔާރު ކުރަން ފުރަތަމަ ލޮނާއި އަސޭމިރުސް އަޅައި، ކުކުޅުކޮޅު މެރިނޭޓް ކުރާނީއެވެ. ދެން ކުކުޅުކޮޅުގެ ބޭރު ބައި ކުޑަކޮށް މުރަނަވަންދެން ފިހެލާނީއެވެ. އެއަށް ފަހު ކުކުޅުކޮޅު ނަގައި، ކުދިކޮށް ކޮށާލުމަށް ފަހު ތަށްޓަކަށް އަޅާނީއެވެ. އަދި ފެނު ކައްކާފައި ހުރި އަލުވި ވެސް ބޭނުން ގޮތަކަށް ކޮށާލުމަށް ފަހު ކުކުޅުކޮޅާ އެއްކޮށްލާނީއެވެ. ދެން ފެނު ކެއްކި ބިސް ވެސް އެ ތަށީގެ ތެރެއަށް އަޅައި، ލޮނާއި އަސޭމިރުހާއި މެޔޯނައިސް އެޅުމަށް ފަހު އެއްކޮށްލާނީއެވެ. އޭގެ ތެރެއަށް ލުނބޯ ހުތްކޮޅެއް ޖެހުމަށް ފަހު އަލުން އެއްކޮށްލުމުން ސެލެޑް ތައްޔާރުވީއެވެ. އެ ސެލެޑް އިތުރަށް ކުޅިކުރަން ބޭނުން ނަމަ އެއަށް މުގުރި މިރުސްކޮޅެއް އެޅިދާނެއެވެ.
ކުކުޅު ސެލެޑަކީ ގިނައިން ޕްރޮޓީންސް ލިއްބައިދޭ ސެލެޑެއް ކަމުން، މާ އަވަހަށް ބަނޑުހައިވުން ހުއްޓުވައި ގަޑިންގަޑިއަށް ކެއުމަށް އެހީތެރިވެދޭނެއެވެ. މި ސެލެޑް މިއަށް ވުރެ ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ތައްޔާރު ކުރަން ބޭނުން ނަމަ ތަރުކާރީ އާއި މޭވާ އާއި ނަޓްސް އިތުރު ކުރެވޭނެއެވެ. ހަމައެއާއެކު، މެޔޮނައިސްގެ ބަދަލުގައި ގްރީކް ޔޯގަޓް ވެސް ބޭނުން ކުރެވިދާނެއެވެ.