16 Oct 2022, 09:23
މީގެ ކުރިން ކައިވެނިކޮށްގެން އުޅުނު، އެމެރިކާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް މިހާރު ވާހަކަ ދައްކަނީ އެސިސްޓެންޓެއް މެދުވެރިކޮށް އެކަނި ކަމަށް ކިމް ހާމަކޮށްފިއެވެ.
ކިމް އާއި ކާންޔޭގެ ގުޅުމަށް ނިމުމެއް އައިސް ދެމީހުން ވަރިވެފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ކާންޔޭގެ ފަރާތުން ފެނިފައި ވަނީ ގިނަ ބަޔަކު ބަލައިގަންނަ ފަދަ އަމަލުތަކެއް ނޫނެވެ.
އެގޮތުން އޮންލައިކޮށް ތަފާތު ޕޯސްޓުތައް ހަދައި ކިމް އަށް އެކި ކަހަލަ ގޮތްގޮތަށް ކާންޔޭ އައީ އުނދަގޫ ކުރަމުންނެވެ. އެކަންތައް ހުއްޓާލުމަށް ކިމް އެތައް ފަހަރަކު އެދިފައިވާއިރު ކާންޔޭ ދިޔައީ އެކި ގޮތްގޮތުން ކިމްއަށް އުނދަގޫކޮށް މަލާމާތް ކުރަމުންނެވެ. ކިމްގެ އާއިލާއިން ވެސް އެކަމަށް އާދޭސް ކުރުމުން ކާންޔޭ ދިނީ ބީރު ކަންފަތެކެވެ.
އިންޓަނެޓުގައި ދެމީހުންގެ މެދުގައި ހިނގަމުންދާ ކަންތައްތަކަށް ވާހަކަ ދައްކަމުން ކިމް ބުނެފައިވަނީ ދެމީހުން އެކަކު އަނެކަކާ މިހާރު ވާހަކަ ނުދައްކާ ކަމަށެވެ. އެގޮތުން އެއްވެސް ކަމެއްގައި ވާހަކައެއް ހިއްސާކުރުމަށް ބޭނުން ވެއްޖެ ނަމަ އެކަން ކުރަނީ އެސިސްޓެންޓް ލައްވައި ކަމަށް ކިމް ބުންޏެވެ.
އެ ދެ މީހުންގެ ހަތަރު ދަރިންނާ ގުޅުން ހުރި ހަފުލާތަކާއި އެކުދިންނާ ބައްދަލުކުރުމަށް ކާންޔޭ ކަންތައް ކުރާނެ ގޮތް ނިންމަނީ ވެސް އެސިސްޓެންޓް މެދުވެރިކޮށް ކަމަށް ކިމް ބުންޏެވެ.
ކިމް އާއި ކާންޔޭ އެންމެ ފުރަތަމަ އެކުގައި ފެނުނީ 2012 ވަނަ އަހަރުގައެވެ. އެ ދެ މީހުން ކައިވެނި ކުރީ އޭގެ ދެ އަހަރު ފަހުން، 2014 ވަނަ އަހަރުގައެވެ.