16 Oct 2022, 09:15
މިއުޒިކް އިންޑަސްޓްރީގައި މިހާރު ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ ޑުއާ ލީޕާ ހުރީ އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅި، ހުސްކޮށް ކަމަށް ބުނެފިއެވެ.
ދާދިފަހުން އައިހާޓް ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި އުމުރުން 27 އަހަރުގެ ޑުއާ ވަނީ އޭނާގެ އަމިއްލަ ހަޔާތުގެ ވާހަކަތަކަށް އަލިއަޅުވާލާފައެވެ.
"މީހުންނާއެކު ލޯބީގެ ގޮތުން އުޅެފައި އެއްވެސް ރިލޭޝަނަކަށް ނުގޮސް މިހެން ހުންނަތާ މިއީ ފުރަތަމަ އަހަރު،" ޑުއާ ބުންޏެވެ.
ޑުއާ ބުނީ ސިންގަލްކޮށް ހުންނަން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އަމިއްލަ ނަފުސަށް މި ވަގުތު ބޮޑަށް ވަގުތު ދެވޭކަން ވެސް އޭނާ ފާހަގަކުރިއެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އަމިއްލަ ނަފުސަށް އެންމެ އެކަށީގެންވާ ގޮތަށް ވަގުތު ދެވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އެހެންވީމާ މިހާރު ސިންގަލްކޮށް ހުރި ވަގުތަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ބުންޏެވެ.
ޑުއާ ސިންގަލް ވުމުގެ ކުރީން އޭނާ ރަށްޓެހިވެގެން އުޅުނީ މަޝްހޫރު ސުޕަމޮޑެލުން ބެލާ އާއި ޖީޖީ ހަދީދްގެ ކޮއްކޮ އަންވަރު ހަދީދް އާއެވެ. ދެމީހުން 2019 އިން ފެށިގެން އެކީގައި އުޅުނުއިރު އެންމެފަހުން ރުޅިވެފައިވަނީ މިދިޔަ އަހަރު ކަމަށް ޑުއާ ވަނީ ދާދި ފަހުން ބުނެފައެވެ.
އަންވަރާ ރުޅިވި ފަހުން ހުރީ ސިންގަލްކޮށް ކަމަށާއި މިވަގުތު ބޭނުންވަނީ އެގޮތުގައި ހުންނަން ކަމަށް އޭނާ ބުންޏެވެ.