16 Oct 2022, 09:08
މި ފަހުގެ ތާރީހުގައި ތިމާވެށީގެ ދާއިރާއިން ފެނުނު އެންމެ ފާހަކޮށްލެވޭ އެއް އެކްޓިވިސްޓް ކަމަށްވާ ގްރެޓާ ތުމްބާގަށް އެކްޓިވިޒަމް މެދުވެރިކޮށް އެއްވެސް ކަހަލަ ފައިސާއެއް ނުލިބޭކަން އޭނާ ހާމަކޮށްފިއެވެ.
ތިމާވެއްޓާ ގުޅުން ހުރި ބޮޑެތި މައްސަލަތަކަށް ވާހަކަދައްކައިގެން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި 19 އަހަރުގެ ގްރެޓާ އަކީ ޓައިމްސް މެގަޒިންގެ 2019 ވަނަ އަހަރުގެ "ޕާސަން އޮފް ދަ އިޔާ" އެވެ. އޭނާއަކީ އެހާ ޅަ އުމުރުގައި އެ ލަގަބު ހާސިލުކުރި ފުރަތަމަ މީހާއެވެ.
ގްރެޓާގެ މަސައްކަތާ ގުޅިގެން އޭނާ ވަނީ ޖެހިޖެހިގެން ތިން އަހަރު "ނޮބެލް ޕީސް ޕްރައިޒް"އަށް ވެސް ނޯމިނޭޓް ވެފައެވެ.
ދާދިފަހުން ގްރެޓާ ބުނިގޮތުގައި އެކްޓިވިޒަމް މެދުވެރިކޮށް އޭނާއަށް އެއްވެސް ކަހަލަ އާމްދަނީއެއް ނުލިބެއެވެ. އޭނާއަށް ލިބޭ ފައިސާއަކީ ޔުނިވާސިޓީ ގްރާންޓެއް ކަމަށާއި އެއީ ޔުނިވާސިޓީއަށް ދާތީ އެކަމަށް ދެއްކުމަށް ލިބޭ ފައިސާ ކަމަށް ގްރެޓާ ބުންޏެވެ.
ތިމާވެއްޓަށް ދިމާވެފައިވާ ނުރައްކާތެރި މައްސަލަތައް ހައްލު ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިރާގެ މާހިރުންގެ މައުލޫމާތަށް ބިނާކޮށް ގްރެޓާ ވަނީ ފޮތެއް ތައްޔާރުކޮށްފައެވެ. މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފޮތުން ވެސް އޭނާއަށް އާމްދަނީއެއް ނުލިބޭނެ ކަމަށް ގްރެޓާ ބުންޏެވެ.
އޭގެ ބަދަލުގައި އެ ފޮތުން ލިބޭ ހުރިހާ އާމްދަނީއެއް ދާނީ ޗެރިޓީއަށްކަން ގްރެޓާ ފާހަގަކުރިއެވެ.
"ފައިސާއެއް ލިބުން ވަރަށް ރަނގަޅުވާނެ. އެކަމަކު ކޮންމެވެސް ކަމަކަށް ފައިސާއެއް ދެވިއްޖެނަމަ އެކަމަކާ ގުޅޭގޮތުން އިތުރު ބަހުސްތައް ފަށައި މައްސަލަތަކަށް ވާހަކަ ދައްކަން އިތުރަށް ފުރުސަތު ލިބޭނެ،" ގްރެޓާ ބުންޏެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގްރެޓާ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު އިންސްޓަގްރާމްގައި އެކަނިވެސް އޭނާއަށް 14 މިލިއަން ފޮލޮވާސް ލިބިފައިވެއެވެ. ނަމަވެސް އޭނާއަކީ 'އިންފްލުއެންސާ'އެއް ކަމަށް ނުދެކޭ ކަމަށް ގްރެޓާ ބުންޏެވެ.