15 Oct 2022, 19:18
ފެންހޮޅިއެއް ހަލާކުވެގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާގެ ބައެއް ޓަވަރު ތަކުން ފެން ކެނޑިއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިއަދު މެންދުރު ފަހުން ފެށިގެން ހިޔާގެ ބައެއް ޓަވަރުތަކުން ފެން ކެނޑިފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި ވަގުތު ފެނުގެ ޚިދުމަތް ކެނޑިފައިވަނީ ޓަވަރު އެޗް-3، އެޗް-4، އެޗް-7، އަދި އެޗް-8ކެވެ.
އޮފިޝަލް ވިދާޅުވީ ހިޔާ ޓަވަރުތަކުން މިއަދު ފެން ކެނޑުނީ އެޗްޑީސީން މިހާރު ކުރިއަށް ގެންދާ އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ފެން ހޮޅިއެއް ހަލާކުވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުނު ވަގުތުން ފެށިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.
"ފެންކެނޑުމާ ގުޅިގެން އެ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަޅުގަނޑުމެން މައާފަށް އެދެން،" އެމްޑަބްލިއުއެސްސީގެ އޮފިޝަލް ވިދާޅުވިއެވެ.