15 Oct 2022, 19:14
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިނޮވޭޝަން ލެބް ހެކަތަން ފަށައިފިއެވެ.
ހެކަތަން އަކީ ޕްރޮގްރާމަރުންނާއި ޑިވެލޮޕަރުން އެއްތަނަކަށް އެއްވެ، ޕްރޮޖެކްޓެއްގައި ގުޅިގެން މަސައްކަތްކުރާ ސޮފްޓްވެއާއެއް ނުވަތަ ހާޑްވެއާއެއްގެ ޕްރޮޓޯޓައިޕެއް އުފެއްދުމެވެ. މިފަހަރުގެ ހެކަތަން ކުރިއަށްގެންދަނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއަންސް" ތީމުގެ ދަށުންނެވެ.

މިހާރުކުރިއަށްދާ ބީއެމްއެލް ހެކަތަންގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ހެކަތަންގައި ބައިވެރިންނަށް ޕިންޓެކްގެ ދާއިރާއިން ޢީޖާދީ ޚިޔާލުތަކާއި ހައްލުތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިޔުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް، ބޭންކިން ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެއެވެ.

މިހާރުކުރިއަށްދާ ބީއެމްއެލް ހެކަތަންގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
އިއްޔެ ފެށި މި ހެކަތަން މާދަމާގެ ފަހެއް ޖެހުމާއި ހަމަޔަށް ކުރިއަށްދާނެއެވެ. ސަންއާ ވާހަކަދައްކަމުން މި ހެކަތަންގެ އެއް މެންޓޯ ނާއިލް ޢަބްދުލް ރަހްމާނު ބުނީ، މިހާހިސާބަށް އާއިރު ހެކަތަންގެ ބައިވެރިންގެ ފަރާތުން ވަރަށް ޝައުގުވެރި ކުރުވަނިވި ހިޔާލުތަކެއް ލިބިފައިވާކަމަށެވެ.
" ވަރަށް ރަނގަޅު ޕްރޮޑަކްޓްތައްވެސް އެބަފެނޭ. ހެކަތަން ފެށިއިރު އެހާ ޔަގީން ނުވި އެއްޗެހިތައްވެސް މިހާހިސާބަށް އާއިރު ވަރަށް ރަނގަޅަށް ޑިވެލޮޕްވެފައި ހުރިކަން ފާހަގަކޮށްލެވޭ" ނާއިލް ބުންޏެވެ.
ނާއިލް ބުނީ ބީއެމްއެލް ކަހަލަ ކުންފުނިތަކާއި ގުޅިގެން ޕްރޮގްރާމަރުންނާއި ޑިވެލޮޕަރުން އެއްތަނަކަށް އެއްވެ، މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުމަކީ އެކަމުގެ ފައިދާ ހުރިހާ ފަރާތްތަކަކަށްވެސް ކުރާނޭކަމަށެވެ. މިގޮތުން މިކަމުގެ ސަބަބުން ޕްރޮގްރާމަރުން އަދި ޑިވެލޮޕަރުނަށް އެމީހުންގެ މަސައްކަތުގައި ކުރިއަށްދިއުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނޭކަން އޭނާ ފާހަގަކުރިއެވެ.

މިހާރުކުރިއަށްދާ ބީއެމްއެލް ހެކަތަންގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ހެކަތަންގެ ބައިވެރިއެއްކަމަށްވާ ރޭޝަން ޝަރީފް ބުނީ، ދިވެހީންގެ ތެރޭގައި މިދާއިރާގައި މަސައްކަތްކުރާ ވަރަށް ހުނަރުވެރި ކުދިން އެބަތިބި ކަމަށާއި، ބީއެމްއެލްއިން ކުރިއަށްގެންދާ މި ހެކަތަންގެ ސަބަބުން އެކުދިންގެ މަސައްކަތުގައި ކުރިއަށްދިއުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
"މިސާލަކަށް އިންޓަނެޓް ބޭންކިން ކަހަލަ ޚިދުމަތެއް ހޯދާއިރު ކޮންމެވެސް ކަހަލަ މައްސަލައެއް ދިމާވުމަކީ ވަރަށްގިނަ ފަހަރަށް ތަޖުރިބާކުރަންޖެހޭ ކަމެއް. މިކަހަލަ ހެކަތަންއެއްގެ ތެރެއިން އެކަހަލަ މައްސަލަތަކަށް ހައްލެއް ލިބިގެންދިއުމަކީ ބީއެމްއެލްއަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއް، މިތަނުގަ އެބަތިބި ވަރަށް ހުނަރުވެރި ކުދިން،" ރޭޝަން ބުންޏެވެ.

މިހާރުކުރިއަށްދާ ބީއެމްއެލް ހެކަތަންގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ބީއެމްއެލުން ބުނީ މި ހެކަތަންގައި ތިން ޓީމު ހޮވައި އެފަރާތްތަކުން ހުށަހަޅާ ޚިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިނޮވޭޝަން ލެބުގައި މަސައްކަތްކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް އޮފީހެއް ހަމަޖައްސައިދޭއިރު، ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަނަށް ދިގު މުއްދަތެއްގެ މެއިންޓަނަންސް ކޮންޓްރެކްޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.