03 Apr 2012, 16:47
އެކާވީސް އަހަރުން ދަށުގެ ކެރަމް ކުޅުންތެރިންނަށް އަމާޒުކޮށްގެން މިއަހަރުގެ މާޗު މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު އެއްފަހަރު ބޭއްވުމަށް ޓަކައި ކެރަމްގެ އެކްޓިވިޓީ ކަލަންޑަރުގައި ޝެޑިއުލް ކޮށްފައިވާ ރައިޒިންގް ސްޓާ އޮފް ދަ މަންތް 2012ގެ ފުރަތަމަ މުބާރާތް ކެރަމް ހޯލުގައި ބާއްވާފި އެވެ.
މި މުބާރާތަކީ ޒުވާން ކުޅުންތެރިން ބިނާކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާ އެކިއެކި ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް އަދި އެ ކުޅުންތެރިންނަށް ތަޖުރިބާ އިތުރުކުރުމަށް ޓަކައި ބާއްވަމުން ގެންދާ ދެ ދުވަހުގެ މުބާރާތެކެވެ.
ޖުމްލަ 27 ފިރިހެން ކުޅުންތެރިއަކާއި 12 އަންހެން ކުޅުންތެރިއަކު ވާދަކުރި މިމުބާރާތުގައި ރައިޒިންގް ސްޓާ އޮފް މާޗް 2012 އަށް ހޮވިފައިވާ ފިރިހެން ކުޅުންތެރިއަކީ އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ރައިޒިން ސްޓާ އަށް ވެސް ހޮވިފައިވާ އަލީ އަކްރަމް އެވެ. މި މުބާރާތުގެ ދެ ވަނަ މަޤާމު ހޯދީ ހާރިޝް ޒުހެއިރެވެ. އަދި ތިން ވަނަ ހޯދީ މުހައްމަދު މުންތަސިރެވެ.
ރައިޒިންގް ސްޓާ އޮފް މާޗް 2012 އަށް ހޮވިފައިވާ އަންހެން ކުޅުންތެރިއަކީ ފާތިމަތް ރަޔާން އެވެ. މި މުބާރާތުގެ އަންހެން ބައިން ދެ ވަނަ މަޤާމު ހޯދީ އައިޝަތް ޒުލްފިޝާން އެވެ. އަދި ތިން ވަނަ މަޤާމް ހޯދީ މަރިޔަމް ނަދާ އިބްރާހިމް އެވެ.